ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައެއް ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ކަމަށް ބުނާ ވެކްސިން ދީފައިވާ ކަމަށް ތުހުމަތު ކޮށްފައިވަނީ ވިލިމާލެ ހޮސްޕިޓަލުންނެވެ. އަދި އެކަމާއި ގުޅޭ ޝަކުވާ ވިލިމާލެ ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވަނީ ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ދީފައިވާކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ،" މެމްބަރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ އެ ޝަކުވާ އެ މިނިސްޓްރީއަށް ލިބިފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެ މިނިސްޓްރީން އެ މައްސަލަ ބަލަމުން ގެންދާ ކަމަށް ވެސް އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ކުޑަކުދިންނަށް ދީފައިވަނީ ކޮން ވެކްސިންއެއްކަން ޔަގީން ނުވިނަމަވެސް، ވިލިމާލެ ދާއިރާގެ މެމްބަރު އެ މައްސަލަ ފާހަގަކުރައްވައި ކުރި ޓުވީޓްގައި ހިއްސާކުރައްވާފައިވަނީ ވެކްސިން ވަޔަލްގެ ފޮޓޯއެކެވެ. އަދި އެ ވެކްސިން މި އަހަރުގެ ޖެނުއަރީ މަހުގައި މުއްދަތު ހަމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.