ރައްޔިތުންގެ މަޖިލީހުގެ ތ. ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ކޮއްކޮ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް މަގާމުން މިއަދު ސަސްޕެންޑުކޮށްފި އެވެ.

އޭނާ ސަސްޕެންޑް ކުރީ ރައީސް އޮފީހުން އެފަދައިން އަމަލު ކުރުމަށް އެންގުމުން ކަމަށް އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

"ބަލަމުން ދާ މައްސަލަ އަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ރިޔާޒް ސަސްޕެންޑު ކުރުމަށް މިނިސްޓްރީއަށް މިއަދު ވަނީ އެންގިފައި،" މަބްރޫކް ވިދާޅުވެފައިވެ އެވެ.

ރިޔާޒް ސަސްޕެންޑް ކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

އެގޮތުން އެ މިނިސްޓްރީގެ ދެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.