އަންނާރަކީ ތަފާތު ވިޓަމިންތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. އެގޮތުން އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި އަންނާރު ޖޫސް ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކުރުމުގައި އެހީތެރިވާނެ ކަމެކެވެ.

އަންނާރުގައި ހިމެނޭ ތަފާތު އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ލޭ ހޮޅިތަކުގައި ސަރުބީ އުފެދުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެ އެވެ. ނަތީޖާއެއްގެ ގޮތުން ސްޓްރޯކް ޖެހުން، ހާޓް އެޓޭކް ޖެހުން ފަދަ ހިތާއި ލެހޮޅިތަކާއި ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު ފަސް ޕަސެންޓް ދަށްވާކަމެކެވެ. މީގެ އިތުރުން ލޭ ހޮޅިތައް ބޯވެ، ހަރުކޮށްލާ ބަލިތަކާއި، ހުޅާއި މަޑުކަށިތައް ހަލާކުކޮށްލާ ބަލިތަކަށް މި މޭވާއިން ލުއި ލިބޭ ކަމަށް ބުނެވެ އެވެ.

މީގެ އިތުރުން ވެސް މުހިންމު ގިނަބައިތަކެއް އަންނާރުގައި ހިމެނޭއިރު ދަގަނޑުގެ ބައި އަންނާރުގައި ގިނަކަން ފާހަގަކޮށްލެވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޭ މަދުވުމުން މެދުވެރިވާ އާއްމު ކަންކަން ކަމަށްވާ ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ ކަންކަމަށް ހައްލެއް ލިބޭނެ އެވެ.