ނަބީލާ ސިޑިން ތިރިއަށް ފައިބަން ހިނގައިގަތް ވަގުތު، ކޮޓަރީގެ ދޮރުފަތް ވަރަށް ބާރަށް އައިސް ލެއްޕިއްޖެއެވެ. ކޮޓަރިތެރެއަށް އަރައިގެން ދިޔަ ބާރު އަޑުފަށްގަނޑާއެކު، އަހުސަނަށް ސިހިފައި ހޭލެވިއްޖެއެވެ. ލޯ ހުޅުވައި ބަލައިލެވުމާއެކު، އޭނާއަށް ތެޅެގަނެވުނެވެ. އެނދުގައި ނަބީލާ ނެތުމުންނެވެ. އެ ވަގުތު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހިންގައިލެވުނެވެ.
ކޮޓަރިތެރޭން އަހުސަނަށް ނަބީލާ ނުފެނުމުން، އަވަސް އަވަހަށް އެނދުން ފުންމާލައިގެން ގޮސް، ފާޚާނާ ހުޅުވައިލިއެވެ. ފާޚާނާއަކު ވެސް ނެތެވެ. އަހުސަނު ދުވެފައި ކަހަލަ ގޮތަކަށް ސިޓިންރޫމަށް ނިކުތެވެ. ބޭރު ދޮރު ހުޅުވާފައި ހުރިތަން ފެނިފައި، އޭނާގެ ހިތް ތެޅިގަތެވެ. ނަބީލާ ގެއިން ނިކުތީކަން ކަށަވަރުވުމުންނެވެ. ދެ ފައިކޮޅަށް ބާރުލާފައި އަހުސަނަށް ދުއްވައިގަނެވުނެވެ.
އަހުސަނަށް ސިޑިން ފޭބުނު ގޮތް ވެސް ނޭނގުނެވެ. ފަސް ވަނަ ފަންގިފިލާއިން ނައްޓާލި އަހުސަނަށް ނަބީލާ އަތުޖެހުނީ، ދެ ވަނަ ފަންގިފިލާއިންނެވެ. އޭނާ އެ ދިޔަ ބާރުމިނުގައި ގޮސް، ނަބީލާގެ ގައިގައި ހިފެހެއްޓިއެވެ. އެ ވަގުތު ނަބީލާ ތެޅިގަތެވެ. ގަދަހަދައިލިއެވެ. ދަންވަރުގެ ވަގުތުކަމުން، އަހުސަނު އުޅުނީ، މީހުންނަށް ނޭނގޭނޭހެން، ސިއްރުސިއްރުން ނަބީލާ ގޮވައިގެން މައްޗަށް އެރޭތޯއެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އަޑުގައި ނެތްތަނަށް ނަބީލާ ހަޅޭއްލަވަންފެށިއެވެ.
“މާ ބާރަށް ހަޅޭއްލަވަން ހަދާނެކަމެއް ނެތް! މިހާރު ތި އުޅެނީ ރަށަށް ނާންނަންކަން މަށަށް ކަށަވަރުވެއްޖެ!” ކެއްސާވަރުން ވާހަކަދައްކަން ދަތިވެފައި ނަދާ ހުއްޓެއްކަމަކު، ލަތީފުގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. އޭނާ ކެކެންފެށީ މާލެއިން ރަށްރަށަށް މީހުންނަށް ދެވޭގޮތަށް ހަމަޖެހުމުން ވެސް، ނަދާ ރަށަށް އަންނާން ނޫޅޭތީއެވެ. އެ ކަން އެ ގޮތަށް ހަމަޖެއްސިކަން ލަތީފަށް އެނގުނީ މިއަދުއެވެ.
ލަތީފުގެ އޯގާވެރިކަމެއް ނެތް، ރަޙުމުކުޑަ ބަސްތަކަށް، ނަދާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާއަށް ރޮވުނީއެވެ. ބޭރު ބަޔެއްގެ ގާތުގައި ހުއްޓާ، މިހައި ބޮޑަށް ބަލިވުމުން، ލިބުނު އެކަނިވެރިކަން އިންތިހާއަށް ގޮސްފައި ވަނިކޮށް، އެ ފާޑަށް އަބަދު މީހަކު އެއްޗެހި ކިޔަންފެށީމާ، ދެން ވާނެ ގޮތް ނަދާއަށް ވަނީ ވެފައެވެ.
ނަދާ އަނގައިން ނުބުނުން ވީ، ލަތީފުގެ ރަހުމު ކުޑަ ހިތުގައި، އިތުރު “ވޭނެއް” އުފެއްދި ކަމަކަށެވެ. އޭނާގެ އަޑު އިހުނަށްވުރެ ބާރުވިއެވެ. އިންޒާރުގެ ބަސްތައް ހަރުކަށިވިއެވެ. އެންމެފަހުން ނަދާގެ ކެތްތެރިކަން ކޮޅުންލިއެވެ. އަޑު ވީއްލައި ރޮއިގަނެވުނެވެ.
“ލަތީފު! ހެޔޮނުވާނެ! ތި ގޮތަށް އެއްޗެހި ނުކިޔައި އަހަރެން މަރާލަބަލަ!” ނަދާއަށް ފޯނު ބޭއްވުނީ ބޭއިޚުތިޔާރުގައެވެ.
ދެތިން ސިކުންތު ވެސް ނުވާނެއެވެ. އަނެއްކާ ވެސް ފޯނު ރީންގުވާންފަށައިފިއެވެ. ފޯނު ނުނަގައި އޮންނާކަށް ނަދާއަކަށް ނުކެރުނެވެ. އެއީ ނުރައްކާ ފިރިހެނެކެވެ. އަންނަ ރުޅީގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އަނެކާގެ ހިތުގައި އަޅާނެ ވޭނަކަށް އޭނާ ނުބަލާނެއެވެ. މި ކަހަލަ ގޮތަކަށް އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދޭން ފެށުމުން، ހިތާ ދެކޮޅަށް ފޯނު ނެގިއެވެ.
“މިހާރު ތި ހިސާބަށް ވެސް ކަންތައް ދިޔައީ ދޯ!” ފޯނު ކަނޑައިލުމުން، ލަތީފުގެ އަޑުގައި ހުރީ އަލިފާން ހިފާފައެވެ. “ފެންވަރު އޮޅިގެން ނޫޅޭއްޗޭ! މަގޭ އިނގިލިތައް މަގޭ ބާރުގެ ދަށުން ބޭރުވެދާނެ! މީގެ ފަހުން މަގޭ ކޯލެއް ތިޔަ ގޮތަށް ކަނޑާލައިފިތަ؟ މި ގޮތަށް ދެ ވަނަ ފަހަރަކަށް މަށެއް ނުގުޅާނަން! ދުވަހެއްގެ ކޮޅުން ވެސް ކަލޭ ރަށަށް އަރައިފިއްޔާ، މަ އިންނާނީ ތިގޭތެރޭގަ ބެރު ޖަހަން. ކަލެއާ ކަލޭ މަންމައާ ދެ މީހުންނަށް ވެސް ޖެހޭނީ މަ ޖަހާ ބެރަށް ނަށަން. އަޑު އިވިއްޖެ؟ ފުއްޕަން ނުހަދާތި!”
ނަދާ އިރުއިރުކޮޅުން ކެއްސައިގަންނަ އަޑު ލަތީފަށް އިވެއެވެ. އެހެންނަމަވެސް އޭނާގެ ހިތަކު، ނަދާއާ ދޭތެރޭ، ހަމްދަރުދީގެ އެންމެ ވިއްދެއް ވެސް ނުޖެހިއެވެ. ކިޔާނެ އެއްޗެއް ކިޔާފައި ފޯނު ބާއްވައިފިއެވެ. އެ ގޮތަށް ފުކަކަށް ހަދައިލެވުމުން، ހިތަށް ފިނިކަން ލިބުނީ ވެސް ތޯއްޗެކެވެ.
ނަދާ މިހާރު ހުމެއް ނާދެއެވެ. އެހެންނަމަވެސް ކެއްސާވަރުން އަނގަ ނުޖެހެއެވެ. ކަރުގައި ވެސް ރިއްސައެވެ. މި ހާލަތުގައި އޮއްވާ، ލަތީފު އެ ގޮތަށް ހަޅޭއްލެވުމުން، އޭނާގެ ހިތަށް ކުރި އަސަރު ވަރަށް ބޮޑުވިއެވެ. އޭނާ އޮތީ ރޯށެވެ. މި ގޮތުގައި ފަނަރަވަރަކަށް މިނެޓުވީތަނާ، އަނެއްކާ ވެސް ފޯނު ރިންގުވާން ފަށައިފިއެވެ. ލަތީފު ގުޅަނީ ކަންނޭނގެއެވެ. މިއީ ޖެހިފައި އޮތް ކިހައި ބޮޑު މުޞީބާތެއް ހެއްޔެވެ؟
ނަދާ ބޯ އުފުލައިލައި، ފޯނަށް ބަލައިލިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ލޭންޑްލައިން ނަންބަރަކުންނެވެ. ނަދާ ފޯނު ނެގިއެވެ.
“އައިޝަތު ނަދާ ތަ؟”
“ލައްބަ.”
“ރޯގާޖެހިގެން ފުލޫކުލިނިކަށް ދެއްކިން ދޯ؟”
“ލައްބަ.”
“މި ގުޅީ އައިޖީއެމްއެޗުން އިނގޭ! މިހާރު ވެސް ހުން އާދޭތަ؟”
“ބޭސްކާންފެށިފަހުން ހުމެއް ނާދޭ” އައިޖީއެމްއެޗުން ނޭ ބުނުމުން ނަދާގެ ހިތަށް ބިރުވެރިކަން ވަނެވެ.
“ވަރަށް ބޮޑަށް އަދިވެސް ކެއްސާދޯ؟ ކަރުގައި ރިއްސާތަ؟
“ލައްބަ.”
“ކުރިން އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދިންތަ؟ ނޫނީ ބޮޑު އޮޕަރޭޝަނެއް ކަހަލަ ކަމެއް ކޮށްފައި އޮންނާނެތަ؟”
“ނޫން! ނުކުރަން.”
“ނޭވާހިއްލުން ކަހަލަ ކަމެއް ހުރޭ؟”
“ނޫން!”
“ރޭގަނޑު ނިދާގަޑީގައި ފިނިބޮޑުވެގެން އުޅެންޖެހޭތަ އެއްވެސް ވަރަކަށް؟”
“ބައެއް ރޭރޭ ފިނިވޭ.” ނުކެއްސާވޭތޯ ނަދާ މަސައްކަތް ކުރަމުން ގެންދާއިރު ވެސް، ދޭތެރެއަކުން ކެއްސައިގަނެއެވެ.
“ހޯއްގޮވާ ކެއްސުން ކަހަލަ ގޮތަކަށް ކެއްސާގޮތްވި ތަ ދުވަހަކު ވެސް؟”
“ނޫން! ފާހަގައެއް ނުކުރެވޭ.”
“އެއްވެސް ކަހަލަ ބައްޔަކަށް، ދާއިމީކޮށް ބޭސް ބޭނުންކުރަންތަ؟”
“ނޫން! ނުކުރަން! ބުރަކަށީގައި ރިއްސާތީ އިހައްދުވަހު ޑޮކްޓަރަށް ދެއްކީމަ، ދިން ބޭހަކާ ފުލޫ ކުލިނިކުން ދިން ބޭސް އެބަ ބޭނުންކުރަން.”
“ތި ބޭހުގެ ތަފުސީލުތައް އަޅުގަނޑު ދޭ ނަންބަރަށް ފޮނުވައިލަންވާނެ!”
“ކޮވިޑަކީ ކޮން ކަހަލަ ބައްޔެއްކަން އެނގޭ ދޯ!”
“ކޮންމެވެސް ވަރަކަށް އެނގޭ.”
“އާނ! މި ބަލީގައި ބޮޑަށް ނުރައްކާވާނީ، އުމުރުން ދުވަސްވީ މީހުންނަށް، ނޫނީ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް. އެހެންވެ މި މައުލޫމާތުތައް މި ސާފުކޮށްލީ. މިސާލަކަށް އައިޝަތު ނަދާ މި ބައްޔަށް ޕޮޒިޓިވް ވެއްޖިއްޔާ ކޮބައި ޕްލޭނަކީ؟”
“އަޅުގަނޑަކީ ދަތުރުވަރެއްގައި މާލެ އައިސް އުޅޭ މީހެއް. އައިސް މި އިންނަނީ ވެސް ރައްޓެހި ބަޔަކު ކުއްޔަށް ހިފައިގެން އުޅޭ ތަނެއްގައި. އެ މީހުން މިހާރު އުޅެނީ އެހެން ގެއަކަށް ބަދަލުވާން. އަޅުގަނޑުގެ ނެތް އެއްވެސް ޕްލޭނެއް.” ނަދާގެ މޭ ތެޅެމުން ދެއެވެ.
“ނަދާގެ ޓެސްޓުގެ ނަތީޖާ ލިބިއްޖެ. ޕޮޒިޓިވްކަމަށް ދައްކަނީ. އެހެންނަމަވެސް ކަންބޮޑުވާންޖެހޭ ފަދަ އެއްވެސް ކަމެއް އިރާދަކުރެއްވީތީ ނެތް. މިހާރު ހުމެއް ވެސް ނާދޭތާ! ދެން އަންނާނީ މަޑުމަޑުން ރަނގަޅުވަމުން. ނަދާ ގެންދާނެ ފެސިލިޓީއެއް ހަމަޖައްސައި، އެކަންކަމާގުޅޭ ތަފުސީލުތައް ދޭން އެޗުޕީއޭއިން ގުޅާނެ. ދެން މެޑިކަލީ އެއްވެސް ކަހަލަ މައްސަލައެއް ދިމާވެއްޖިއްޔާ މި ނަންބަރަށް ގުޅާފަ މައުލޫމާތު ދީ.” ޑޮކްޓަރު ނަންބަރު ދެއްވިއެވެ.
ޕޮޒިޓިވްއޭ ބުނި ހިސާބުން ނަދާއަށް ރޮވުނެވެ. އެހެންނަމަވެސް އޭނާ ﷲއަށް ވަކީލުކޮށް ހިތްވަރު ލިބޭތޯ ދުޢާކުރަން ފެށިއެވެ.
ފިޒާލު އެނދުމަތީގައި ފިކުރަކަށް ގެނބިފައި އޮއްވާ، ފަޒުލާ ދެ ފަހަރު ގޮވައިލުމުން ވެސް ފިޒާލަކަށް އަޑެއް ނީވުނެވެ. މީހަކު ގޮވާކަށް އޭނާއަށް އެނގުނީ، ފައިގައި ހިފައި ތަޅުވައިގަތުމުންނެވެ. ފަޒުލާ އައީ ބައްޕަ ބުނެގެން ދޮންބެއަށް ގޮވައިލާށެވެ.
“އަބަދު ތިހެން ކޮޓަރީގައި ވިސްނަން އޮތަކަސް ތި ކަމެއް ނުވާނެ! ތި ނަދާއެއްގެ ވާހަކަ ދެން ކިޔައިދޭންވީނު. އޭރުން މަށަށް ވެސް ހެލްޕެއް ވެވޭނީ.” ފިޒާލަށް އަންނަ ބަދަލު ފެނިފައި، ފަޒުލާގެ ހިތަށް އަސަރުކުރިއެވެ.
“ވަގުތު ޖެހުނީމަ ކޮއްކޮއަށް ހުރިހައި ވާހަކައެއް ކިޔައިދޭނަން! ބައްޕަ ކޮބައި؟” ފިޒާލު ތެދުވެ ލޯގަނޑު ކުރިމައްޗަށް ހުއްޓި، މޫނު ރީތިކޮށްލިއެވެ. އިސްތަށިގަނޑު އަތުން އެއްވަރުކޮށްލިއެވެ. ފިޒާލަކީ އަބަދު ވެސް އެއް ވަރަކަށް އިސްތަށިގަނޑު ކޮށާލާފައި ބަހައްޓާ މީހެކެވެ. އެހެންނަމަވެސް ފުރަބަންދާ ގުޅިގެން، ބޯ ކޮށަން ނުދެވި، އިސްތަށިގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ދިގުވެފައެވެ.
“އެބަ އިން ސޓިންރޫމުގަ. ވަރަށް މުހިންމު ވާހަކައެއް ދައްކަންހެން ހީވަނީ.”
“ބުނޭ ފާޚާނާއަށް ވަދެފައި އެބަ ދަމޭ.”
ފިޒާލު ފާޚާނާއަށް ވަނުމުން، ފަޒުލާ ނިކުމެ ބައްޕަ ގާތު އެހެން ބުނެފައި، ދިޔައީ ކޮޓަރިއަށެވެ. އޭނާއަށް ވިސްނެނީ، ދޮންބެއަށް އަންނަ ބަދަލާމެދުގައެވެ. އެއީ ކިހައި މަޖާކޮށް، ކިހައި ހަރަކާތްތެރިކޮށް އުޅުނު މީހެއް ހެއްޔެވެ؟ މިއަދު ދޮންބެ އެ ވަނީ މުޅިން ބަދަލުވެފައެވެ. މޫނުމައްޗަކު ތާޒާކަމެއް ނެތެވެ. ބަސް މަދުވެއްޖެއެވެ. އަބަދު ފިކުރެއްގައެވެ. މަންމައަށް ވެސް އެކަން ފާހަގަކުރެވިގެން ފަޒުލާގާތު އެ ވާހަކަ ދައްކައިފިއެވެ. ފަޒުލާ އެނގޭކަމަކަށް ނުހެދިއެވެ.
މި ކަހަލަ ފިކުރެއްގައި ފަޒުލާ އޮއްވާ ބިޝާރާ ގުޅަންފަށައިފިއެވެ. ފަޒުލާއަށް އެ ފޯނު ނަގާކަށް ފަސޭހައެއް ނުވިއެވެ. އޭނާ އެ ގުޅަނީ، ނުގުޅާތާ ދެ ދުވަސްކޮށްފައެވެ. ފަޒުލާ ގުޅައިލާތޯ އޭނާ ނުގުޅާ މަޑުކުރީއެވެ. އެކަން ފަޒުލާއަށް އެނގެއެވެ. އެހެންނަމަވެސް ބިޝާރާ ވަދެގެން އުޅޭ މައުޟޫޢެއްގެ ސަބަބުން ގުޅަން އުނދަގޫވަނީއެވެ. ގުޅާއިރަށް އެ ވާހަކަ ފަށައިފާނެތީ ގުޅަން ބޭނުން ނުވަނީއެވެ. އެ ކަމަކާހުރެ، މިހާރު އެ ދެ އެކުވެރިންގެ ގާތް ގުޅުމަށް ދުރުކަމެއް އަންނަކަމުގެ އިހުސާސް ފަޒުލާއަށް ކުރެވޭން ފަށައިފިއެވެ. ފަޒުލާ ބޭނުންވަނީ، އެ ޚިޔާލު ދޫކޮށްލަން ބިޝާރާ ގާތުގައި ބުނާށެވެ.
ބިޝާރާގެ ފޯނު ފަޒުލާ ނެގީ ދެ ވަނަ ފަހަރަށް ރީންގުވާން ފެށުމުންނެވެ.
“އަޅެ ހާދަ ފޫއްސޭ ދޯ! ޗިލްޑްރަންސްޑޭ އޭ އެ ނިމުނީ.” ފަޒުލާ ހީކުރިގޮތާ ޚިލާފަށް، ފޯނު ނެގުމާއެކު ބިޝާރާ ފެށީ ކުޑަކުދީންގެ ދުވަހުގެ ވާހަކައެވެ. އެހެންކަމުން ފަޒުލާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“މިއަދަކީ ޗިލްޑްރަންސްޑޭތަ؟” ފަޒުލާ ހަނދާން ވެސް ނެތެވެ.
“މިއަދެއް ނޫން! އިއްޔެ. މަށަށް ވެސް ދެންމެ މި އެނގުނީ.”
“ކަމެއް އެނގޭނީ އެނގޭ ކަހަލަ ގޮތަކަށް އުޅެވިގެން ދޯ!” ފަޒުލާއަށް ބުނެވުނެވެ.
ކުޑަކުދިންގެ ދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. މުދައްރިސުންނާއި ދަރިވަރުންނަށެވެ. އެހެން އަހަރުތަކުގައި މި ދުވަހަކީ، ތަފާތު އެކި ތީމުތަކަށް އިސްކޫލުތައް ޒީނަތްތެރިކޮށް، އެކި ވައްތަރު ވައްތަރުގެ ކުޅިވަރުތައް އިސްކޫލުތަކުގައި ކުޅެއުޅޭ ދުވަހެކެވެ. އެއީ ކިޔަވާކުދީންނަށް އަންނަ އުފާވެރި އީދު ދުވަހެކެވެ. އެހެންނަމަވެސް މި އަހަރުގެ ކުޑަކުދީންގެ ދުވަސް ނިމިގެން އެ ދިޔައީ ވަރަށް ވަނދުކޮށެވެ. އިސްކޫލުތަކުގެ ކިޔެވުން މެދުކެނޑިފައި އޮންނަތާ ދެ މަސް ދުވަސް ފާއިތުވެ ދާއިރު، މި ޚާއްޞަ ދުވަހު އިސްކޫލުތައް ވަނީ ފަޅުވެފައެވެ. ދިރުން ނެތިފައެވެ. އެހެންނަމަވެސް މުދައްރިސުންގެ ހިތުގައި ދަރިވަރުންނަށް އޮތް ލޯބި މުދައްރިސުން އާކުރިއެވެ. އެކިއެކި އިޖުތިމާޢީ ވިއުގަތައް މެދުވެރިކޮށެވެ. ރައްކާތެރި ކަމާއެކު ގޭގައި ތިބެން އެދެމުން، ތަފާތު އެކި މެސެޖުތަކާއެކު ދަރިވަރުންމަތިން ހަނދާންވާ ކަމަށް ބުނަމުންނެވެ.
“އަޅެ ސްކޫލަށް ދެވޭ ނަމަ، އިއްޔެ ހާދަ މަޖާވީހޭ. ކީއްކުރާނީ. އަހަރެމެންގެ ދުވަސް އައިސްފައި ދިޔައިރު އަހަރެމެންނަށް ނުވެސް އެނގުނު.”
“މި ދިޔަ އަހަރުގެ ޗިލްޑްރަންސްޑޭ ހަނދާންވޭތަ؟” ފަޒުލާ ހިނިއައިސްފައި އިނދެ ބިޝާރާގާތު އެހިއެވެ. އެ ދުވަހު ބިޝާރާއަށް ލިބުނު ލަނޑެއް ހިތަށް އަރާފައެވެ. ކުލާސް ޕާޓި ބޭއްވި އިރު، ކުއްޖަކަށް ލަނޑެއް ދޭން ވެގެން، އޭނާ ޖެހި ދަންތުރައިގައި، އޭނާ ޖެހުނުލެއް ރީތިކަން ހިތަށް އަރާފައެވެ.
“އާނ! ހަނދާންވާނެއެއްނު! އެންމެފަހުން އެ ގޮނޑީގައި އިށީނދެވުނީ މަށަށް ވިއްޔަ!” ބިޝާރާ ހިނިގަނޑެއް ޖަހައިލިއެވެ.
“އެހެންވާނީ މީހުންނަށް ލަނޑުދޭން އުޅެންޏާ!”
“ތިއެއް ނޫނޭ! މިއަހަރުގެ އޯލެވެލް އިމްތިހާނު އަންނަ އަހަރުގެ މޭ ޖޫންއަށް ބަދަލުކުރާން އެބަ އުޅެޔޯ!”
“އެހެންތަ؟ ދެން އޭލެވެލް ކިހިނެކޯ ހަދަނީ؟”
“އޭލެވެލް ހަމަ މި އަހަރު އޮކްޓޫބަރު ނޮވެންބަރުގައި ބާއްވާ ގޮތަށޯ.”
“ވާނެބާ؟”
“އޯލެވެލް އެގްޒާމް އަންނަ އަހަރަށް ފަސްކުރަން ކޭމްބްރިޖާއެކު މަޝްވަރާކުރާ ވާހަކަ ޚަބަރުގަ ކީ.”
“ދެން އެސްއެސްސީ ޔޯ؟”
“އެސްއެސްސީ ވެސް ފަސްކުރާނެތާ.”
“މަށަށް ހީވަނީ އޭލެވެލް ވެސް އަންނަ އަހަރަށް ފަސްކުރާނެހެން.”
“އެނގިދާނެތާ! ކީއް ތި ކޮށްލަނީ؟”
“ކަމެއް ނުކުރަން. ގޭ އެންމެން ރަނގަޅުތަ؟ މަންމަމެންނަށް ސަލާން ބުނައްޗޭ!”
“އާނ! މަ ނޫން އެންމެން ރަނގަޅު! ފަޒޫ ނޫޅޭވިއްޔަ ރަނގަޅު ކޮށްދޭކަށް.”
ބޮޑުތާ ޖެހުނީއެވެ. ނަސީބަކުން އެ ވަގުތު ކޮޓަރީގައި މީހަކު ޓަކި ޖަހާލައިފިއެވެ. ޓަކި ޖަހާލިގޮތުން ވެސް އެއީ މަންމަކަން ފަޒުލާއަށް އެނގުނެވެ. އެހެންކަމުން މަންމަ އެބަ ޓަކިޖަހައޭ، ފަހުން ގުޅާނަމޭ ކިޔައިފައި ފަޒުލާ ފޯނު ބޭއްވިއެވެ.
ފަޒުލާ ގޮސް ދޮރު ހުޅުވާލިއިރު، ދޮރުމަތީގައި ހުރީ މަދީހާއެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރީ، ކަންބޮޑުވުމުގެ އަސަރެވެ. އޭނާ އަނގައިން ވެސް ނުބުނެ ކޮޓަރިއަށް ވަނެވެ.
“އައިސް އިށީންދެބަލަ!” ފަޒުލާއަށް ގޮވައިލަމުން، މަދީހާ ގޮސް އެނދުމަތީގައި އިށީނނެވެ.
“ކަމެއް ގޯސްވީތަ މަންމާ!” މަންމަ އިންގޮތުން ފަޒުލާ ކަންބޮޑުވިއެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެއޭ ފަޒުލާގެ ހިތް ބުންޏެވެ.
“ދޮންބެއަށް ކޮންމެވެސް ކަމެއް އެބަވޭ! މަންމަގެ ހިތް ދޮގެއް ނުހަދާނެ!” ފަޒުލާގެ މޫނަށް ބަލަހައްޓައިގެން އިނދެ، މަދީހާ ވާހަކަ ދެއްކިއެވެ. “ދަރިފުޅުމެންނަށް އަންނަ ބަދަލު، ބައްޕައަށް ފާހަގަ ނުކުރެވުނަސް، މަންމައަކަށް ސިއްރެއް ނުވާނެ! ދެންމެ ވެސް ދޮންބެ ކޮޓަރިން ނިކުތްއިރު، މޫނުމަތި ހުރިގޮތް ފެނިފައި، މަންމަ ވަރަށް ދެރަވި. ދޮންބެ އެ އުޅެނީ ބަލިވެ. ނޫނީ ވަރަށް ބޮޑު ހާސްކަމެއްގަ. ދަރިފުޅަށް ހަމަ އެއްވެސް ވަރަކަށް ނޭނގޭތަ؟”
މަދީހާ ކުރިން ވެސް އެ ސުވާލު ފަޒުލާއާ ކުރިއެވެ. އެކަމަކު އެ ފަހަރު އެ ވާހަކަ އެހީ، އެހައި ސީރިޔަސްކޮށެއް ނޫނެވެ. އެހެންކަމުން ފަޒުލާ އެ ދުވަހު އެނގޭ ކަމަކަށް ނުހެދިއެވެ. އެހެންނަމަވެސް މިއަދު ފަޒުލާއަށް، މަންމަގެ މޫނުމަތިން، ކަންބޮޑުވުމާއި ނުތަނަވަސްކަން ވަރަށް ބޮޑަށް އެބަ ފެނެއެވެ. އެހެންކަމުން ފަޒުލާ ޤަސްދުކުރީ އޭނާއަށް އެނގިފައި އޮތް މިންވަރަށް މަންމައަށް ކިޔައިދޭށެވެ.
ފަޒުލާއާއި މަދީހާ، އެ މީހުންގެ ވާހަކައަށް ދޫކޮށްލައިފައި، އަހަރެމެން ޖެހިލާނީ ސިޓިންގރޫމަށެވެ. ފިޒާލާއި ތައުފީޤު ދައްކާ ވާހަކަ އަޑުއަހައިލުމަށެވެ.
ނުނިމޭ