މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 68 އަހަރުގެ ފިރިހެނެކެވެ. އަދި އަނިޔާ ލިބިފައިވަނީ އުމުރުން 10 އަހަރުގެ ކުއްޖެއް ކަމަށްވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 10 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އެ މައްސަލައާ ގުޅިގެން 68 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އެއިދާރާއިން އިތުރަށް ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ދުވަހެއް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ބުނެ އެވެ.