މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި އެވެ.

މެޓް އޮފީސް އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މެޓުން ސަމާލު ނެރުނީ މިއަދުގެ މެންދުރު 12:20 ގަ އެވެ. އަދި މެންދުރު 12:30 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން މީގެ ކުރިންވެސް މިއަތޮޅުތަކަށް މޫސުމަށް ސަމާލުވުމަށް އަންގައި ހުދު ސަމާލު ނެރެފައިވާއިރު، އެއިދާރާއިން ވަނީ ދެފަހަރުމަތިންވެސް އެއަތޮޅުތަކަށް ނެރުނު ހުދު ސަމާލު ދަމަހައްޓާފަ އެވެ.