ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ހުސްކުރި ޓޭންކެއް ގޭސް ކަޓަރަކުން ކަފަން އުޅެނިކޮށް، އެ ޓޭންކް ގޮވައި މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ޒަހަމްވެފައި ވަނީ ބަނދަރު ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ފިއުލްގައި މަސައްކަތްކުރާ މީހެކެވެ.

ފުވައްމުލަކު ބަނދަރުގައި ކަފަން އުޅުނު ތެޔޮ ޓޭންކު ގޮވާފައި. ފޮޓޯ: އަހުމަދު ޝަފީގު | ހުރިހާ

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރު "ހުރިހާ"އަށް ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާގައި ފިހުނު މީހަކުގެ ހާލު ދެރަވެގެން އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހާއަށް މިތަނުގައި ފަރުވާ ދެމުން އަންނަނީ. އަދި އެ މީހާގެ ހާލު ވަރަށް ސީރިއަސް،" ލިރާރު ވިދާޅުވި އެވެ.

ފުވައްމުލަކު ބަނދަރުގައި ކަފަން އުޅުނު ތެޔޮ ޓޭންކު ގޮވާފައި. ފޮޓޯ: އަހުމަދު ޝަފީގު | ހުރިހާ

މި ހާދިސާގައި ޓޭންކު ގޮވައިގެން ފިހިފައި ވަނީ އެ ޓޭންކު ކެފުމުގެ މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެއް ކަމަށް އެނގިފައިވެ އެވެ.

ބަނދަރު ސަރަހައްދުގައި ހުރި މީހަކު ބުނީ ޓޭންކު ގޮވި ވައިބްރޭޝަނާއެކު އެތަނާ އިންވެގެން ހުރި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ އޮފީހުގެ ބައެއް ބިއްލޫރިތައް ވެސް ތެޅިފައިވާ ކަމަށެވެ. އަދި ކޮންކްރީޓް ފައުންޑޭޝަނެއްގެ މަތީގައި މައުންޓްކޮށްފައި ހުރި ގާތްގަނޑަކަށް ވިއްސަކަށް ފޫޓު އުސް އަދި ދިހަވަރަަކަށް ފޫޓު ފުޓާ އެ ޓޭންކް ގޮވައި މައްޗަށް އަރައި ވެއްޓުނީ ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓު ދުރަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާދިސާ ހިނގިއިރު ބަންގްލަދޭޝް މީހާ ކަފަން ހުރީ ޓޭންކްގެ ބުޑުގައި ކަމަށްވެ އެވެ.