ބައިސްކޯފުން ދެއްކި މަގުބޫލު ކޮމެޑީ ޑްރާމާ ސީރީޒް "ގިރިޓީ ލޯބި"ގެ ދެވަނަ ސީޒަނެއް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް ޑާކްރެއިން އެންޓަޓައިންމަންޓުން ބުނެފި އެވެ.

ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު އެއް ޕޮރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން މިކަން އިއުލާނުކުރީ ބައިސްކޯފުން ސްޓްރީމްކުރި 20 އެޕިސޯޑްގެ ސީޒަން އެކަކަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ކުރި ޕޯސްޓެއްގަ އެވެ.

"ގިރިޓީ ލޯބި"ގެ ދެވަނަ ސީޒަނަކާ އެކު ބައްދަލުކުރާނެ ކަމަށް ޑާކްރެއިން ބުނެފައިވާއިރު މިސީޒަންއާ ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައިނުވެ އެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާފައިވާ "ގިރިޓީ ލޯބި" ޑައިރެކްޓް ކޮށްފައިވަނީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

https://www.instagram.com/p/CeDcMcOJNli/

"ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެ އެވެ. އޭގެ އިތުރުން މުހައްމަދު ފައިސަލް ސީރީޒްގެ މުހިއްމު ރޯލަކުން ވަނީ ފެނިގެން ގޮސްފަ އެވެ.

ޑާކްރެއިންގެ ސީރީޒް

"ގިރިޓީ ލޯބި" އަކީ ޑާކް ރެއިނުން ގެނެސްދިން ދެވަނަ ވެބް ސީރީޒެވެ. ފުރަތަމަ ސީރީޒަކީ މީޑިއާ ނެޓްގެ މަލްޓި ސްކްރީނުން ގެނެސްދިން "ރޫމިއާ ޖަންނަތު" އެވެ.

"ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "މާމުއި" އަދި "ގޮށްރާޅު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑާކް ރެއިންގެ ކުރިއަށް ހުރި ފީޗާ ފިލްމުތަކުގެ ތެރޭގައި "ނޮވެމްބާ"، "ބީވީމާ" އަދި "ހިނދުކޮޅެއް" ހިމެނެ އެވެ.