ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމް ސޮޔާގެ ކޮންޓްރެކްޓް ހަމަވުމުން ބޭންކުން ވަކިވާން ނިންމައި އެކަން މުވައްޒަފުންނަށް މިއަދު އަންގައިފި އެވެ.

އެ ބޭންކުގެ މުވައްޒަފުންނަށް މިއަދު ހެނދުނު ފޮނުއްވި ލިޔުމެއްގައި، އޭނާ ވިދާޅުވެފައިވާ ގޮތުގައި ކޮންޓްރެކްޓް އާ ނުކުރައްވަން ބޭންކުގެ ބޯޑާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ ތެރޭގައި އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.

"ދެން ބޭންކުގައި ހިދުމަތްކުރާނީ މަހެއް ނުވަތަ ދެ މަހެއްހާ ދުވަހު. މި ވޭތުވެދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެއް. ވަކިން ހާއްސަކޮށް ކޮވިޑްއާ އެކު ދިމާވި ބޮޑު ގޮންޖެހުންތަކެއް. އެހެންނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މިއޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި،" ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ މުއްދަތުގައި މުވައްޒަފުންނާއި ބޭންކު ހޯދި ކާމިޔާބީ އަށް އޭނާ ފަހުރުވެރިވެ ވަޑައިގަނެ އެވެ.

"އަދި ބޭންކާއެކު އަޅުގަނޑު ހޭދަކުރި މުއްދަތަކީ އަޅުގަނޑަށް ވެސް ވަރަށް އުފާވެރި ދުވަސްތަކެއް."

ބައިނަލްއަގްވާމީ މާލީ ދާއިރާގައި 30 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ސީއީއޯގެ މަގާމަށް އައްޔަންކުރެއްވީ 2019 ޖުލައި މަހު އެވެ. ޓިމް އެ މަގާމަށް އައްޔަންކުރީ އެ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި އެންޑްރޫ ހީލީ އިނގިރޭސި ވިލާތުގެ ލީކް ޔުނައިޓެޑް ބިލްޑިން ސޮސައިޓީގެ ސީއީއޯ އަކަށް ހަމަޖެއްސުމުންނެވެ.

ޓިމް ފާހަގަވެފައި ވަނީ ކޮވިޑްގެ ދަތި އުނދަގޫ ވަގުތު ވެސް މާލީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވި، އަދި ކަސްޓަމަރުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ޒަމާނީ އާ ހިދުމަތްތަކެއް ތައާރަފުކޮށް، ބޭންކަށް ބޮޑެތި ފައިދާތަކެއް ހޯއްދަވައިދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފަ އެވެ. ބޭންކުން ވަނީ ޕްރޮފިޓް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ސަރުކާރަށް ދީފަ އެވެ. އަދި ޑިވިޑެންޑްގެ ގޮތުގައި 131 މިލިއަން ރުފިޔާ ދިނެވެ.