ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި އެވެ.

‎ރައީސް އޮފީހުން ބުނީ އެމަނިކުފާނު ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ނޯ ވެހިކަލް އަވާ" ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި މި ދަތުރުފުޅުގައި، ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ޓޭބަލް ޓެނިސް ހޯލުގެ ޢިމާރާތް ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

‎އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.