މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިޚާބުގައި ހަމަޖެހިފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވިދާޅުވީ، އެޕާޓީގެ ގައުމީ ހިންގާ ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓުމަހު ހަވަނަ ދުވަހުގައި ކަމަށެވެ.

އެގޮތުން 185 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށާއި، އެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 27 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް އަސްރާ ވިދާޅުވި އެވެ. އެމަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްއެންޕީ އޮފީހަށް ގޮސްގެން ނުވަތަ ޕާޓީއަށް އީމެއިލް ކޮށްގެންވެސް ފޯމު ހުށަހެޅޭނެ ކަމަށް އަސްރާ ވިދާޅުވެފައިވެ އެވެ.

އަސްރާ އިތުރަށް ވިދާޅުވީ، އެ އިންތިހާބުގައި ޕާޓީގެ ރައީސްގެ މަގާމާއި، ޕާޓީގެ ރީޖަންގެ ނައިބު ރައީސުންގެ މަގާމަށް ހުޅުވާލެވިފައިވާނެކަމަށެވެ. އަދި ރާއްޖޭގެ އިންތިހާބީ 87 ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ވެސް ހުޅުވާލެވިފައިވާނެ ކަމަށް އަސްރާ ވިދާޅުވި އެވެ.

ނިމިދިޔަ އަހަރު ރެޖިސްޓްރީކޮށްފައިވާ މި ޕާޓީ އުފެއްދުމުގެ މަގުސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ހައްގުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.