1990 ގެ އަހަރުތަކުގައި ގިނަ ބައެއްގެ ލޯތްބާއި ގަދަރު ހޯދި އިންޑިއާގެ އެކްޓަރުންގެ ތެރޭގައި އަމީތާބު ހިމެނޭކަމީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ.

ހަމައެހެންމެ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ވެސް އަމީތާބަކީ އަދިވެސް ގަދަރު ލިބިގެންވާ މީހެކެވެ. އަމީތާބު ހުންނަ ތަނެއް ނަމަ ގިނަ ބަޔަކު އޭނާ އަށް އިހުތިރާމު ކުރުމުގެ ގޮތުން ސަލާމްނުކޮށް ދާ މަންޒަރެއް ނުފެނެޔޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އެވެ.

އެފަދަ ފަންނާނުންނަށް ކުރާ ގަދަރެއްގެ ސަބަބުން އިންޑަސްޓްރީގެ އެހެން ބައެއް ތަރިންނަށް އަމީތާބުގެ ކުރިމަތީގައި ގޯސް އަމަލުތައް ދައްކުވައިދޭ ރޯލު ކުޅުމަށް ވެސް ފަސްޖެހިފައި އެބަހުއްޓެވެ.

އޭގެ ތެރޭހައި މަޝްހޫރު ތަރި އާމިރް ޚާން ހިމެނޭއިރު، އާމިރު ވަނީ ފިލްމެއްގައި އަމީތާބު ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ދައްކުވައިދޭ ރޯލެއް ކުޅެން ފަސްޖެހިފަ އެވެ. އަދި އެކަމަށް އެހީތެރިވުމަށް އޭނާ އެދިފައިވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޝާހުރުކް ޚާންގެ ކިބައިންނެވެ.

ޝާހު ވަނީ އަމީތާބާއެކު ގިނަ އަދަދެއްގެ ފިލްމު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އާމިރު ޝާހުގެ ގާތުގައި އެހީއަށް އެދުމުން، ފުރަތަމަ ދުރުގައި ހުރެގެން ސިނގިރޭޓު ބޯން އާދަކުރުމަށް ލަފާދިން ކަމަށް އާމިރު ބުނެފައިވެ އެވެ. އަދި ދުވަހަކަށް ފަހު ދުވަހެއް މަޑުމަޑުން ގާތްވަމުން ދިއުމަށާއި، އޭރުން އަމީތާބުގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް އުނދަގޫކަން އިހުސާސް ނުވާނެ ކަމަށް ޝާޙު ބުނެފައިވާ ކަމަށް އާމިރު ބުންޏެވެ.

އޭގެ ފަހުން އާމިރު ވަނީ އެކަން އަމީތާބަށް އެނގިގެން އޭނާގެ ގާތުގައި އެއީ ތެދެއްތޯ ބެލިކަމަށް ވެސް ބުނެފަ އެވެ. އަދި އަމީތާބު ވެސް ދުންފަތުގެ އިސްތިއުމާލު ކުރިކަމަށާއި، އެހެންނަމަވެސް އެއީ ސިއްހީ ގޮތުން ރަނގަޅު ކަމަކަށް ނުވުމާ ގުޅިގެން އެކަން ދޫކޮށްލި ކަމަށް އަމީތާބު ބުނި ކަމަށް އާމިރު ބުނެފައިވެ އެވެ.