މަރުގެ ހުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތު ނޫންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާމަކުރައްވައިފި އެވެ.

ހޯމް މިނިސްޓަރު މިކަން ހާމަ ކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

ތޯރިގު ކުރެއްވި ސުވާލުގައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު މިސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟ އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒުކުރާނެތޯ އެވެ.

އެސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މީގެ 800 އަހަރުކުރިން ދިވެހިން އެއިރު ތިބި ދީން ދޫކޮށް އިސްލާމްދީނަށް ވަނީ އިސްލާމްދީނުގެ ފުރިހަމަކަމާއި މާތްކަން ތެދުހިތުން ގަބޫލުކޮށްގެން ކަމަށެވެ. އަދި ޝަރުއީ ހުކުމްތައް ބާވައިލައްވާފައިވަނީ އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހިމާޔަތްކުރުމުގެ މަތިވެރި މަގްސަދުގައި ކަމަށާއި، އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތައް ގާއިމުކުރާހާ ހިނދަކު، އަދި އީމާންކަން އޭނާގެ ކިނބައިން ކެނޑޭނެ ކަމެއް ނުކުރާހާ ހިނދަކު ކޮންމެ މުސްލިމަކީ އިސްލާމީ ޖަމާއަތުގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ މީހެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާއިރު، އިސްލާމްދީނުގެ ކޮންމެ ހުކުމަކަށް އިސްތިސްނާއެއް ނެތި ބޯ ލެނބުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ފާއިތުވި ބައި ގަރުނެއްހައި ދުވަހު ދިވެހި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓައިލުން ކަމަށާއި، މަރުގެ ހުކުމާ ގުޅޭ ގޮތުން އެކި ސަރުކާރުތަކުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް އެއްވެސް ސަރުކާރެއްގައި އެ ސިޔާސަތަށް ބަދަލެއް ގެނެސްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުނުކުރީ އެހެންވެކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

އިތުރު ސުވާލުކުރުމުގެ ވަގުތުގައި މެންބަރުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ވެސް އަދި ނިޒާމީ މައްސަލަ ނަންގަވައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ވެސް މިނިސްޓަރު ޖަވާބު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު މިއަދު ފުރުސަތު ދެއްވާފަ އެއް ނުވެ އެވެ.

ރާއްޖެއިން މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާފައިވާކަން ރައީސް ޔާމީނުގެ ވެރިކަމުގައި އިއުލާނުކުރައްވާފަ އެވެ.