ވިލިމާލޭ ހޮސްޕިޓަލުގައި މާދަމާއިން ފެށިގެން ތުއްތު ކުދިންނަށް އަލުން ވެކްސިން ޖަހަން މާދަމާ ފަށަން ފަށާނެކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައާ ގުޅިގެން ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ދިނުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްކަމަށްވާ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ދަށުން ވިލިމާލެ ހޮސްޕިޓަލް ހިންގާފައިވާއިރު، އެ ހޮސްޕިޓަލުން ވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާފައިވާނެ ކަމަށް ބުނެ، ހޮސްޕިޓަލުގެ ބައެއް މުއައްޒަފުންނަށް ފިޔަވަޅު އަޅާފަ އެވެ.

ނަމަވެސް އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތައް ތުއްތުކުދިންގެ ގަޔަށް ޖެހި މައްސަލާގައި، ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެން އެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

ހަމައެހެންމެ އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށާއި، އެފަދަ ކަމެއް މުސްތަގުބަލުގައި ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން ކުރިއަށް އޮތް ދުވަސްތަކުގައި އެ ހޮސްޕިޓަލުގައި ވެކްސިން ދެމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.