އިންޑިއާގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތް ކުޅުނު ފިލްމު "ދަކާޑް" ނާކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު ނަމަވެސް އެއިން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ ފިލްމު ރިލީޒްކޮށްފައިވާއިރު، ފިލްމު އެޅުވި ގިނަ ތިއޭޓަރުތަކުގައި އެ ފިލްމު އެޅުވުން ވަނީ ކެންސަލްކޮށްފަ އެވެ. ސަބަބަކީ ފިލްމު ބަލަން އެއްވެސް މީހަކު ނުދިއުމެވެ.

ކަންގަނާ ފެނިގެންދާ ދަކާޑު ބެލި ބެލުންތެރިންގެ ހިޔާލަށް ބަލާއިރު، ބެލުންތެރިންނަށް އެ ފިލްމު ކަމަކުނުދިޔަ އެވެ. އަދި ދުވަހެއް ދުވަހަކަށް އެފިލްމަށް ލިބޭ ތަރުހީބު ދަނީ މަދުވަމުންނެވެ.

މިކަމާ ގުޅިގެން ކަންގަނާގެ އޭނާގެ އިންސްޓަގްރާމްގައި ސްޓޯރީއެއް އާންމުކޮށްފައިވާއިރު، އެ ސްޓޯރީގައި އޭނާ ވަނީ ފިލްމު އިންޑަސްޓްރީގައި އޭނާގެ ކެރިއަރަށް އަލިއަޅުވައިފަ އެވެ. އެގޮތުން ފްލޮޕް ފިލްމުތަކެއް ކުޅުމަށް ފަހު އޭނާގެ ގިނަ ފިލްމުތަކެއް ހުޓުވެގެން ދިޔަ ކަމަށް ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ އިތުރަށް ބުނީ، ކުރިއަށްވެސް އޭނާ ކުޅެން ހަމަޖެހިފައިވާ ފިލްމުތަކެއް އެބަހުރި ކަމަށެވެ. އަދި އެއިން ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށް ވެސް ކަންގަނާ ބުނެފައިވެ އެވެ.