އިންޑިއާގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތްއަކީ ބޮކްސް އޮފީހުގެ ރާނީ ކަމަށް އޭނާ ބުނެފި އެވެ.

ކަންގަނާ އެހެން ބުނީ، އޭނާ ކުޅުނު ފިލްމު "ދަކާޑް" ނާކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުމުން ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

އެ ފިލްމު މިދިޔަ މަހުގެ 20 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު، ފިލްމު އެޅުވި ގިނަ ތިއޭޓަރުތަކުގައި އެ ފިލްމު އެޅުވުން ވަނީ ކެންސަލްކޮށްފަ އެވެ. ސަބަބަކީ ފިލްމު ބަލަން އެއްވެސް މީހަކު ނުދިއުމެވެ.

ނަމަވެސް އެކަމާ ގުޅިގެން އޭނާގެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ އޭނާ ކުޅުނު އެންމެ ފިލްމެއް ފެއިލްވުމަކީ އޭނާގެ ހަޔާތުގެ ނާކާމިޔާބީއެއް ނޫން ކަމަށެވެ. އަދި 2020 ވަނަ އަހަރަކީ ކޮވިޑާ ގުޅިގެން ލޮކްޑައުން ކުރި އަހަރެއް ކަމަށާއި، އެ އަހަރު އޭނާ ކުޅުނު ދެ ފިލްމަކީ ވެސް ހިޓްވެގެން ދިޔަ ފިލްމެއްކަމުގައި އޭނާ ފާހަގަކޮށްފައިވެ އެވެ.

އެއާއެކު އޭނާއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ، ބޮކްސް އޮފީހުގެ ރާނީ ކަމަށް ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ އިތުރަށް ބުނީ، ކުރިއަށް ވެސް އޭނާ ކުޅެން ހަމަޖެހިފައިވާ ފިލްމުތަކެއް އެބަހުރި ކަމަށެވެ. އަދި އެއިން ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.