އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް ދެ މެންބަރަކު މާތް ނަބިއްޔާއަށް މަލާމާތްކޮށް، ފުރައްސާރަ ކުރި މައްސަލާގައި ރާއްޖެއިން އެކަން ކުށްވެރިކުރުމުން ރާއްޖެ ބޮއިކޮޓްކުރުމަށް އެ ގައުމުގެ ބައެއް ރައްޔިތުން ގޮވާލައިފި އެވެ.

ބޮއިކޮޓް މޯލްޑިވްސް ހޭޝްޓެގް ބޭނުންކޮށްގެން ޓުވިޓާގައި ރާއްޖެއަށް ނައުމަށް އިންޑިއާގެ ގިނަ ބަޔަކު ގޮވާލަމުން އަންނަ އިރު، އެ ފަރާތްތަކުން ވަނީ ރާއްޖޭގެ އިތުރުން މުސްލިމު އެއްވެސް ގައުމަކަށް އިންޑިއާ މީހުން ޗުއްޓީ ހޭދަކުރަން ނުދިއުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން އެމީހުން ވަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް ދެ މަސްއޫލުވެރިން ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން ދިވެހި ސަރުކާރުން ބަޔާނެއް ނެރެފައި ވާތީ އެކަމަށް ވެސް ކުށްވެރިކޮށްފަ އެވެ. އަދި ރާއްޖޭގެ ސަރުކާރުން އިންޑިއާ ކުށްވެރިކުރިކުރުން އަނބުރާ ގެންދަން ޖެހޭ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިންޑިއާއިން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ހުޅުމާލޭގައި ބަހައްޓާފައި ހުރި ޑަސްބިންތަކުގައި އިންޑިއާ ބޮޑުވަޒީރުގެ ފޮޓޯއެއް ވަނީ ހަރުކޮށްފަ އެވެ. އިންޑިއާގެ ވެރިކަންކުރާ ޕާޓީން ރަސޫލާއަށް ފުރައްސާރަކުރުމާ ގުޅިގެން މީގެ ކުރިން ކުވައިތުގެ ޑަސްބިންތަކުގައި ވެސް ހަމަ މިފަދަ ފޮޓޯތަކެއް ހަރުކުރި އެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި މި ފޮޓޯތައް އިންޑިއާގެ މަޝްހޫރު ނޫސްވެރިން ވެސް ވަނީ ޓުވިޓާގައި ހިއްސާކޮށްފަ އެވެ. މިގޮތުން އިންޑިއާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ރަނާ އައްޔޫބު ވަނީ އެ ފޮޓޯތައް ރިޓުވީޓްކޮށްފަ އެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އިންޑިއާގެ ޕްރޮފެސަރެއް ކަމަށްވާ އަޝޯކް ސްވެއިން ވެސް ވަނީ މި ފޮޓޯތައް ހިއްސާކުރައްވާފަ އެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ އިސް ދެ މެމްބަރަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ރާއްޖެއިން ކުށްވެރިކުރީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ ބީޖޭޕީ ޕާޓީގެ އޮފިޝަލުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް މުހާތަބުކޮށް ދައްކާފައިވާ ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށެވެ.

ދިވެހި ސަރުކާރުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ދެ މެމްބަރަކު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ބަޔާނެއް ނެރުނީ، ރާއްޖެއިން އެ މައްސަލަ ކުށްވެރި ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން ގެންދަނިކޮށެވެ.