އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުން ނަމަ އޮތް ޗޮއިސްއަކީ އެމަނިކުފާނު ކަމަށާއި އިންތިޚާބުގައި ކޯލިޝަނަކާއެކު ނިކުމެވަޑައިގެން ކާމިޔާބުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ.

ނޫސްވެރިން ވެސް ހޯދަން ބޭނުންވީ ސިޔާސީ ގޮތުން ވެސް ނުފޫޒުގަދަ ގާސިމެވެ. ސާފުކުރަން ބޭނުންވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ އުންމީދު ދޫކޮށްލައްވާފައި ރައީސް ސޯލިހަށް ބައިއަތު ހިއްޕެވީތޯ އެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވާކަށް ގާސިމް ގިނަ ވަގުތެއް ނުނަންގަވަ އެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ވެސް ނުވަތަ ނުކުރެއްވުމަށް ވެސް ނުނިންމަވާކަމުގައި ވިދާޅުވެ، އިއުލާން ކުރެއްވުމުން ސިޔާސީ މަސްރަހަށް ކުއްލި ހަލަބޮލި ކަމެއް އަ އެވެ.

ރައީސް ސޯލިހަށް ޖެހިވަޑާއިގެންނެވީ އެމަނިކުފާނުގެ އަރިސް ހުރިހާ ބޭފުޅުންނާއެކު ގާސިމްގެ އަރިހަށް އދ. މާމިގިލިއްޔަށް ޒިޔާރަތް ކުރައްވާށެވެ. ގާސިމް ވެސް އެމަނިކުފާނުގެ ސިޔާސީ އަރިސް ބޭފުޅުންނާއެކު ރައީސަށް ރަތް ދޫލައިގެ މަރުހަބާއެއް ވިދާޅުވެ. ބައްދަލު ކުރެއްވި އެވެ.

ގާސިމަށް ވަނީ ރަނިންމޭޓުކަން ހުށަހަޅާފައި؟

ރައީސާއި ގާސިމްގެ ބައްދަލުކުރެއްވުމަށް އެންމެންގެ ލޯ އަމާޒުވެފައި ވަނިކޮށް އިވިގެން ދިޔައަޑަކީ ރައީސް، ގާސިމަށް ނައިބު ރައީސްކަން ހުށަހެޅުއްވި ޚަބަރެވެ. އެހެން ނަމަވެސް އެ ވާހަކަ ގާސިމްގެ ފަރާތްޕުޅުން ވާހަކަދައްކަވާ ބޭފުޅުންނާއި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވާހަކަ ދައްކަވާ ބޭފުޅުން ދޮގު ކުރަމުން އައި ކަމަށް ވިޔަސް ޖުމުހޫރީ ޕާޓީގެ ކަންކަން ރަނގަޅަށް އެނގޭ އެ ޕާޓިގެ ވަރަށް އިސް ބޭފުޅަކު ވަނީ އެކަން "ހުރިހާ" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މަސްލަހަތަށްޓާކާ ނަން ހާމަނުކުރާ ގޮތަށް ވާހަކަދެއްކެވި އެބޭފުޅާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ގާސިމަށް ހުށަހެޅުއްވީ ކުރިޔަށް އޮތް ދައުރުގައި އެމަނިކުފާނުގެ ރަނިންމޭޓުކަމެވެ. ގާސިމްގެ ޖަވާބަކީ ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާކަމެވެ. މީގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ރައީސް ނަޝީދުގެ ބަސްފުޅު

ރައީސް ސޯލިހު އިތުރު ދައުރަކަށް ވެރިކަން ކުރެއްވުމަށްޓަކައި ކޯލިޝަނަކާއެކު އިންތިޚާބާ ކުރިމަތިލެއްވުމުގެ ޚިޔާލުފާޅު ކުރެއްވުމާއެކު ގިނަބަޔަކަށް ހީވީ އެމަނިކުފާނު އެގޮތަށް އިއުލާންކުރައްވަނީ ކޯލިޝަނެއް ހެއްދެވުމަށް ބޭނުންފުޅުވާ ސަޕޯޓް ޔަގީން ކުރައްވައިގެން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއަށް އޮތް ޗޮއިސްއަކީ އެމަނިކުފާނު ކަމަށް ވިދާޅުވުމާއެކު ކަންތައްވެގެން ދިޔަ ގޮތުން ހީވީ ރައީސް ނަޝީދު ފަޔަށް ހިނިއަރައިގެން އުޅުއްވާހެންނެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅު ފާހަގަ ކުރައްވައި އެމްޑީޕީގެ ރައީސް، އަދި އެ ޕާޓީގެ ޓިކެޓްގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކުރީގެ ރައީސް ނަޝީދު ވަނީ ނުސީދާކޮށް ރައީސް ސޯލިހަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހު، ގާސިމް އަރިހަށް މާމިގިއްޔަށް ވަޑައިގެންނެވުމުން އެނގިގެންދިޔައީ އެމަނިކުފާނު ކޯލިޝަނުގެ އިސް ވެރިންނާ ކުރިޔަށް އޮތް ދައުރާ ބެހޭގޮތުން މަޝްވަރާކުރައްވާފައިނުވާ ކަމެވެ.

ރައީސް ނަޝީދު ސިފަ ކުރެއްވި ގޮތުގައި ރައީސް ސޯލިހުގެ ރިޔާސީ ކެންޑިޑޭސީގެ ބާރު އޮތީ ގާސިމްގެ އަތްޕުޅުގަ އެވެ. ރައީސް، އެމަނިކުފާނުގެ އެންމެ އަރިސް އަދި ބާރުގަދަކަމަށް ބެލެވޭ ޓީމާއެކު ދަތުރުފުޅެއް ހައްދަވައިގެން ގާސިމާ ހަމަޔަށް ކުރެއްވި ދަތުރުފުޅުން އެކަން ސާބިތުވެ އެވެ.

ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ދައުރެއް ނެތް

ވެރިކަމަށް ކުރިމަތިލުމާމެދު މިހާތަނަށް ގާސިމް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު މީޑިއާގައި ދައްކަވާފައި ހުރި ވާހަކަތަކުގައި ވިދާޅުވެފައި ވަނީ އެ ޕާޓީން ނިންމާ ނިންމުމެއް ނިންމާނީ ޕާޓީގެ ކައުންސިލުގެ މަޝްވަރާގެ މަތިން ކަމަށެވެ. އެހެން ނަމަވެސް އަދި އެފަދަ މަޝްވަރާއެއް އެ ޕާޓީގެ ކައުންސިލުގައި ކުރެވިފައެއް ނުވެ އެވެ.

ޖުމުހޫރީ ޕާޓީގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ހުށަހެޅުއްވުމަށް ގޮތެއް ނިންމެވުމަށް ގާސިމް ޖުމްހޫރީ ޕާޓީގެ ކައުންސިލަކާ މަޝްވަރާ ނުކުރައްވާނެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު މަޝްވަރާ ކުރައްވާނީ އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ޚާއްސަ ލަފާދެއްވާ ގުރޫޕަކާއެކު އެވެ.

ގާސިމް ރަނިންމޭޓުކަން ގަބޫލު ކުރައްވާނެ

"ހުރިހާ" އާ ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ އެތެރޭގެ ކަންތައް އެނގިވަޑައިގަންނަވާ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރެވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސްގެ ހުށަހެޅުން ގާސިމް ގަބޫލުކުރައްވާނެ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާސިމާއި ރައީސް ސޯލިހަށް މިވަގުތު ވަނީ އެކަކު އަނެކަކުގެ ބޭނުން ވަރަށް ބޮޑުވެފަ އެވެ. ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ބޭނުންވާ ފައިސާއާއި ތާއީދު ގާސިމް ނޫން ފަރާތަކުން ރައީސް ސޯލިހަކަށް ލިބިވަޑާއިގަންނަވާކަށް ނެތެވެ.

އަނެއްކޮޅުން ގާސިމް ޝައުގުވެރިކުރުމަށްޓަކައި ނައިބު ރައީސްކަން ފިޔަވައި ހުށަހެޅޭނެ އިތުރު އެއްވެސް އެއްޗެއް ނެތެވެ. ފާއިތުވެ ދިޔަ އިންތިޚާބަށް އެއްބަސްވުން ހެދީ ގާސިމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ދޭނެކަމުގެ ޔަގީންކަމާއެކު އެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު އެ އެއްބަސްވުމާ ޚިލާފުވެފައިވުމުގެ ސަބަބުން އެފަދަ ހުށަހެޅުމަކަށް ގާސިމު ބައްލައި ނުލައްވާނެކަމީ ޔަގީންކަމެކެވެ.

"ހުރިހާ" އާ ވާހަކަ ދެއްކެވި ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި ނައިބު ރައީސްކަމަކީ ގާސިމުގެ ކުރިފުޅުމަތީގައި ބޮޑު ކަމަކަށްވާނެ އެވެ. ސަބަބަކީ އެމާގާމަށް ވަޑައިގެންނެވޭނީ ރައްޔިތުންގެ ވޯޓާއެކުކަމަށް ވެފައި ރައީސްކަމާ އެންމެ ގާތަށް ގާސިމަށް މިވަގުތު ވަޑައިގެންނެވެން އޮތް މަގަކީ އެއީ ކަމުގަވުމެވެ.

ފަސްމަންޒަރު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ރައީސް ނަޝީދާއި ރައީސް ސޯލިހުގެ މެދުގައި ކުރެވޭ ހަނގުރާމަ"އިގެ ކުޅިފަސް މިވަނީ ގަދަވެފަ އެވެ. ޕާޓީގެ އެތެރޭންނާއި ބޭރުން ކުރިޔަށް ވަޑައިގެންނެވޭ ގޮތަށް ރައީސް ސޯލިހު ގެންދަވަނީ ތާއީދު ހޯއްދަވަމުންނެވެ. ނަމަވެސް ޕްރައިމަރީއެއް ބާއްވައިގެން ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ރައީސް ނަޝީދު ކުރައްވާ އުންމީދާއި މަސައްކަތްޕުޅަށް ވެސް ހުއްޓުމެއް ނާދެ އެވެ. މިކަމުގައި އެމްޑީޕީ ދެބަޔަކަށް ބެހިފައިވާއިރު ކޮންމެ ބަޔަކު ވެސް ގެންދަނީ އެބައެއްގެ ކޮޅު ގަދަ ކުރުމަށްޓަކައި ރޭވުންތައް ރާވަމުންނެވެ. މި ރޭވުންތަކުގެ ތެރެއިން މިހާރު ނިކުމެގެން އުޅޭ އެމްޑީޕީއަށް އޮތް ޗޮއިސްގެ ކުޅިބައި އެތުރިގެންދާ ގޮތުން އެންމެންގެ ލޯ މިވަގުތު އަމާޒުވެފައި ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމަށެވެ. އެމަނިކުފާނުގެ ލޯހުރީ ދައުލަތަށެވެ.