މިމަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ބާ އިމްތިހާނު ފަސްކޮށްދިނުމަށް ބާ ކައުންސިލްގެ އިންތިޚާބީ ރައީސް އިސްމާއީލް ވިޝާމާއި ނައިބު ރައީސް މިޒްނާ އަހްމަދު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެދިވަޑައިގެންފި އެވެ.

ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ ބާ އިމްތިހާނާ ގުޅިގެން ގިނަ ވަކީލުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

ބާ ކައުންސިލްގެ އިންތިޚާބީ ރައީސް އާއި ނައިބު ރައީސް ސޮއިކުރައްވައި އެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ ބާ އިމްތިހާނާ ގުޅޭ އުސޫލުތައް އަލުން ރިވިއުކުރުމަކީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އިއްޔެ އިންތިޚާބުވި މެމްބަރުންގެ ވައުދުތަކުތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެ ވައުދުތަކުގެ ތެރޭގައި 2020ވަނަ އަހަރު ބާ ކައުންސިލުން ކުރިއަށް ގެންދިޔަ 'ސްޕެޝަލް ލައިސަންސް ޓްރެއިނިން ޕްރޮގްރާމް'ގެ ދަށުން ބޭއްވި އިމްތިހާނުން ފާސްވެ، ވަކާލާތުކުރުމުގެ ހުއްދަ ދީފައިވާ ވަކީލުން އަލުން ބާ އެގްޒާމްގައި ބައިވެރިނުވެ، ވަކާލާތުކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެއެވެ.

ބާ އިމްތިހާނުގައި ބައިވެރިވާން ފީ ދައްކާފައިވާ ދަރިވަރުންގެ ތެރެއިން، ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ދަރިވަރުންނަށް އިމްތިހާނު ފީ ރައްދުކޮށްދިނުމަކީ ވެސް އެބޭފުޅުންގެ ވައުދެކެވެ.

ބާ އިމްތިހާނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ 1000އަށް ވުރެ ގިނަ ދަސްވެނިން އެބަތިއްބެވެ. މި މަހަށް ތާވަލުކޮށްފައިވާ އިމްތިހާނުގައި ބައިވެރިވަނީ މަދު އަދަދެއްގެ ދަސްވެނިންނެވެ. ސަބަބަކީ އިމްތިހާނުގެ ފީ ބޮޑުވުމާއި އިމްތިހާނު ފަރުމާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތާ ގުޅުންހުރި ކަމެއްކަމަށް ބުނެ ދަސްވެނިން ޝަކުވާ ހުށަހަޅާފަ އެވެ.

ބާ އިމްތިހާނުގައި ބައިވެރިވުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ފީ ކުޑަކުރުމަކީ ވެސް އެގްޒެކެޓިވް ކޮމިޓީއަށް ހޮވުނު އާ މެމްބަރުންގެ ވައުދެކެވެ.

އާ ސިލަބަހެއްގެ މައްޗަށް ބާ އިމްތިހާންގައި ބައިވެރިވާން ޖެހުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެއްކަން ބުނެ ދަސްވެނިން ޝަކުވާ ހުށަހަޅާފައިވެ އެވެ.

ދެހާސް ނަވާރަ އިން ފެށިގެން މި އަހަރާ ދޭތެރޭ ލޯ ޑިގްރީ ނިންމި ދަސްވެނިން ޑިގްރީ ނިންމާފައިވަނީ ބާ އިމްތިހާނުގެ ސިލަބަސް ވުޖޫދުގައި ނެތީސް އެހެން ސިލިބަހެއްގެ މައްޗަށެވެ.

މިހާރު ހަމަޖެހިފައިވާ އުސޫލުން އިނގިރޭސި ބަހާއި ދިވެހި ބަސް މަސްހުނިކޮށްގެން ބާ އިމްތިހާނު ކުރިއަށްގެންދިއުމުގެ ބަދަލުގައި އިމްތިހާނުގެ ބައިވެރިން އެދޭގޮތަކަށް ބަލައި ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން އިމްތިހާނު ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަކީ އެބޭފުޅުން ވެފައިވާ ވައުދެކެވެ.

އެހެންކަމުން އެބޭފުޅުން ވެފައިވާ ވައުދުތައް ފުއްދަން ހުރަސް ނޭޅޭފަދަ ގޮތަކަށް އަމަލުކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.