ރައްޔިތުން ނުކުމެ މުޒާހަރާ ކުރުމުން ދަރަވަންދޫއަށް ގެސްޓުން ގެނައުން އެ ރަށު ކައުންސިލުން މަނާކޮށްފި އެވެ.
ގެސްޓް ގެނައުން މަނާކޮށްފައިވާކަން އަންގާފައިވަނީ ދަރަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރުގެ 174 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ގަރާރަކުންނެވެ. އެ ގަރާރުގައިވަނީ ގެސްޓް ހައުސްތައް ހުޅުވުމަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ފަތުރުވެރިން ދަރަވަންދޫއަށް ގެނައުން އެކައުންސިލުން ވަކިގޮތެއް އަންގަންދެން ހުއްޓާލުމަށެވެ.
ދަރަވަންދޫ ކައުންސިލުން އެގޮތަށް ނިންމީ ގެސްޓްހައުސް ހުޅުވުމާ ދެކޮޅަށް ރައްޔިތުން ނިންމާފައިވާ ނިންމުމާ ޚިލާފަށް ގެސްޓްހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދިނުމުން ކަމަށް އެ ރަށު މީހަކު ބުންޏެވެ.
ކޮވިޑާ ހެދި އެރަށު ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ގޮތުން ކައުންސިލުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް އެކަން ފެށުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފަ އެވެ. ގިނަ ރައްޔިތުން ނިންމީ އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނަށް ލުއި ލިބުމުން ނޫނީ ހުއްދަދޭން ނުފެންނަ ކަމަށެވެ.
ނަމަވެސް ކައުންސިލުން ބުނީ ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދިނީ ރަށުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާތީ އެކަން ހައްލުކުރުމަށް ކަމަށެވެ.
ގެސްޓްހައުސް ހުޅުވުމާ ރައްޔިތުން ދެކޮޅު ހަދައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންދަނީ މުޒާހަރާ ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ބ.އަތޮޅު ކައުންސިލުން ވަނީ އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އެލްޖީއޭއާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ޓެގް އާއެކު ވާޗުއަލް ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.
އެ މިބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ގެސްޓް ހައުސްތައް ހުޅުވިޔަސް ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި ރައްޔިތުންނަށް ލުއި ދެވޭނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
ދަރަވަންދޫގައި މިހާރު ހުޅުވާފައި ވަނީ އެންމެ ގެސްޓްހައުސްއެކެވެ.