ހުޅުމާލޭ ރެސްޓައުރެންޓެއްގެ ތެރޭގައި އެތަނުގެ ވެއިޓަރަކު މަރާލި ޕާކިސްތާނުގެ މީހާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
ހާންޖީ ރެސްޓޯރަންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޕާކިސްތާނުގެ މުހައްމަދު އާބިދު ފިލައިފައި ވަނިކޮށް ފުލުހުން އޭނާ ހޯދީ ހުޅުމާލޭ ފޭސް 2 ގެ އަތިރިމަތީގައި ހުއްޓަ އެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުޅުމާލެ ކޯޓުން އޭނާގެ ބަންދު އިތުރުކޮށްފައިވެ އެވެ.
އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ނިންމާފައިވާކަން ހާމަކޮށް، އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާކަމަށް ޕީޖީން ހާމަކޮށްފައިވެ އެވެ. އަދި އެ މައްސަލަ ބަލައިގަނެ މި ހަފްތާ ތެރޭގައި ދައުވާ ކުރުމާ މެދުގައި ގޮތެއް ނިންމާނެ ކަމަށް އެ ޕީޖީން ބުނެފައިވެ އެވެ.
އެ ހާދިސާގައި މަރުވި ބަންގްލަދޭޝްގެ މީހާގެ ކަރަށާއި ގައިގެ އެކި ތަންތަނަށް ވަނީ ވަޅިން ހަމަލާދީފަ އެވެ.
ހަމަލާދޭން ބޭނުންކުރީ ބަދިގޭގައި ގެންގުޅޭ ވަޅިއެއް ކަމަށް އެތަނުގައި މަސައްކަތްކުރި މީހަކު ބުންޏެވެ.
އޭނާ މަރާލުމުގައި އެތަނުގައި ދެން ތިބި ޕާކިސްތާންގެ އިތުރު މީހުންގެ ބައިވެރިވުން އޮތް ކަމަށް މަރާލި މީހާގެ ރަހްމަތްތެރިން ތުހުމަތު ކޮށްފައިވެ އެވެ.