ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން، ޕްރަބާސްގެ "ޕްރޮޖެކްޓް ކޭ" ގެ ޝޫޓިންގައި ހުއްޓައި ހާލު ދެރަވެ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ގެންދާ އެއް ފިލްމުގެ ތެރޭގައި 2023 ވަނަ އަހަރު ނެރޭ ޕްރޮޖެކްޓް ކޭ ހިމެނެ އެވެ. އެ ފިލްމުގައި ދީޕިކާގެ އިތުރުން އިންޑިއާގެ ފުންނާބު އިސް ތަރިން ވެސް ކާސްޓުގެ ތެރޭގައި ހިމެނެ އެވެ.

އެގޮތުން އަމީތާބު ބައްޗަން އާއި ޕްރަބާސްގެ އިތުރުން ދިޝާ ޕަޓާނީ ވެސް ފިލްމުން ފެނިގެންދާނެ އެވެ. އެފިލްމުގެ ޝޫޓިން ފެށިފައިވާއިރު، މިވަގުތު ޝޫޓިން ކުރިއަށްދަނީ އިންޑިއާގެ ސިޓީއެއް ކަމުގައިވާ ހައިދްރާބާދުގަ އެވެ.

ފިލްމުގެ ޝޫޓިންގައި ހުއްޓައި ކުއްލި ގޮތަކަށް ދީޕިކާގެ ހާލު ގޯސްވެ އޭނާ ވަނީ ހޮސްޕިޓަލަށް ފަރުވާކުރުމަށް ގެންގޮސްފަ އެވެ. އޭނާގެ ހާލު ގޯސްވީ، ކުއްލިއަކަށް އޭނާގެ ހިތް އަވަސްވެ، ނޭވާލުމުގައި އުނދަގޫތަކެއްވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއެކު ދީޕިކާ ވަނީ އަނބުރައި ސެޓަށް އައިސް ޝޫޓިން ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ދީޕިކާގެ ސިއްޙަތާމެދު އޭނާގެ ފޭނުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.