މަޝްހޫރު ބޮލީވުޑް ތަރި އަނުޝްކާ ޝަރްމާ އަދި އިންޑިއާގެ ކްރިކެޓާ ވިރާޓް ކޯލީގެ ދަރިފުޅު ވާމިކާގެ ފޮޓޯއެއް އިންޑިއާ ނޫހެއްގައި އާންމު ކުރުމުން އަނުޝްކާ ނުރުހުން ފާޅުކޮށްފި އެވެ.

މީގެ ކުރިން ވެސް އެ ދެމަފިރިން ވަނީ އެކި ފަހަރު މަތިން މީޑިއާއަށް ވާމިކާގެ ފޮޓޯ ނުނަގައި، ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށް އެދިފަ އެވެ. އަދި އެއީ ވާމިކާގެ މުސްތަގުބަލަށް ވިސްނާފައި ނަގާ ފިޔަވަޅެއް ކަމުން އެކަމަށް މީޑިއާތަކުގެ އެއްބާރުލުމަށް ދެމަފިރިން އެދިފައިވެ އެވެ.

އަނުޝްކާ އާއި ވިރާޓް، އެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ކަމަށްވާ ވާމިކާގެ އެއްވެސް މައުލޫމާތެއް ނުވަތަ މޫނު ހާމަވާ ފޮޓޯއެއް މީޑިއާއަތަކަށް ހިއްސާނުކުރާއިރު، ދާދި ފަހުން އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޓައިމްސް" ގެ ޝޯޝަލް މީޑިއާގައި ވާމިކާގެ ފޮޓޯއެއް ވަނީ އާންމު ކޮށްފަ އެވެ.

މިކަމާ ނުރުހުން ފާޅު ކުރަމުން އަނުޝްކާ އޭނާގެ އިންސްޓަގްރާމުގައި އެނޫހުގެ ނަން ހާމަކޮށް، އެފަދައިން ކަންތައް ނުކުރުމަށް އަންގާފައިވެ އެވެ. އަދި އެހެން ނޫސްތަކުން ވެސް އެފަދަ ކަމެއް މިހާތަނަށް ނުކުރާކަން ފާހަގަ ކޮށްފައިވެ އެވެ.

އޭގެ އިތުރުން އިންސްޓަގްރާމުގައި ވެސް ހޭޝްޓެގް ޖަހައި "އަނުޝްކާ"، "ވިރާޓް" އަދި "ވާމިކާ" ޖަހާފައިވާ ހުރިހާ ފޮޓޯތަކެއް އިންސްޓަގްރާމުން ވަނީ ނަގާފަ އެވެ. އެހެން ނަމަވެސް އެކަން އެފަދައިން ކުރީ އެދެމަފިރިންގެ އެދުމުގެ މަތިން ކަމެއް ހާމަވެފައެއް ނުވެ އެވެ.

ވާމިކާގެ ބައެއް ފޮޓޯތައް މޫނު ނުފެންނަހެން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯތަކުގައި ވާމިކާއާއެކު އެ ދެމަފިިރިން ފެންނައިރު، ވާމިކާގެ މޫނު ނުފެންނަ ފޮޓޯތައް އެކަނި ފެނި ވެސް ފޭނުންގެ ހިތްތައް ވަނީ ފުރާލާފަ އެވެ.