ރައްކާތެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި މުޖްތަމައުގައި ކުށްމަދުކޮށް، އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީ އާއި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި "ކޮމިއުނިޓީ ޕާޓްނަޝިޕް" ފަހުމުނާމާގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ރަޝީދު އެވެ.

ފުލުހުން ބުނީ މިއަހަރުގެ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނަޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "އިސްނަގާނީ އަހަރެން" މިޝިއާރުގެ ދަށުން ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މި ކޮމިޔުނިޓީ ސޭފްޓީ ޕްރޮގުރާމް ކުރިއަށް ގެންދެވޭނީ ހުރިހާ އުމުރުފުރައަކާ ގުޅޭގޮތުންނެވެ. މިގޮތުން ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނާއި، ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް ޙާއްސަކޮށްގެން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މި ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައްވެސް ދަސްކޮށްދޭނެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށްގެންދާ ތަމްރީންތަކާއި، ޑޮމެސްޓިކް ހައުސް ވަޔަރިންއާއި، އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި، ލީޑަރޝިޕްގެ ބައިތަކުގެ އިތުރުން، ރެޕަލިންގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނީގެ އަމާޒަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.