ކ. ކުޑަގިރީގައި ތަރައްގީ ކުރަމުން ގެންދާ ޕިކްނިކް އައިލެންޑް އަންނަ މަހު އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިމި 26 ވަނަ ދުވަހު އެރަށަށް ދަތުރު ދެވޭނެ ކަމަށް އެ ރަށް ތަރައްގީ ކުރަމުން އަންނަ ސަރުކާރުގެ ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

އެގޮތުން އެ ރަށް ތަރައްގީކުރަމުން ގެންދަ ކުންފުނިތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ އެ ރަށަށް ޒިޔާރަތް ކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.

އޭގެ އިތުރުން އެ ރަށް ފެހިކުރުމަށްޓަކައި ބޭއްވި ހަރަކާތުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

މާލެ އާ 10.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ބުނާ ގޮތުން، ކުޑަގިރި ފަޅުގައި ދެ ރަށެއް ހިއްކާނެ އެވެ. އެއް ރަށް ހިއްކަނީ އަށް ހެކްޓަރަށެވެ. އަނެއް ރަށް ހިއްކަނީ ފިނޮޅެއް ގޮތަށް 1.5 ހެކްޓަރަށެވެ.

ރައީސް ސޯލިހު ކުޑަރި ޕިކްނިކް އައިލެންޑުގައި --- ފޮޓޯ: ރައީސް އޮފީސް

މާލެ ކައިރިން ދަތުރު ދިއުމަށް ހަދާ ރަށަކީ އާއްމުކޮށް ދަތުރުދާ ރަށެއްގައި ހުންނަންޖެހޭ ހުރިހާ ހިދުމަތްތަކެއް ހިމެނޭ ގޮތަށް ހަދާ ރަށެކެވެ.

މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 2021 ސެޕްޓެމްބަރު 1 ވަނަ ދުވަހު އެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.