ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން، ޕްރަބާސްގެ "ޕްރޮޖެކްޓް ކޭ" ގެ ޝޫޓިންގައި ހުއްޓައި ހާލު ދެރަވެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ފިލްމުގެ ބަތަލު ޕްރަބާސް ކަންބޮޑުވެއްޖެ އެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ގެންދާ އެއް ފިލްމުގެ ތެރޭގައި 2023 ވަނަ އަހަރު ނެރޭ ޕްރޮޖެކްޓް ކޭ ހިމެނެ އެވެ. އެ ފިލްމުގައި ދީޕިކާގެ އިތުރުން އިންޑިއާގެ ފުންނާބު އިސް ތަރިން ވެސް ކާސްޓުގެ ތެރޭގައި ހިމެނެ އެވެ.

އެގޮތުން އަމީތާބު ބައްޗަން އާއި ޕްރަބާސްގެ އިތުރުން ދިޝާ ޕަޓާނީ ވެސް ފިލްމުން ފެނިގެންދާނެ އެވެ. އެފިލްމުގެ ޝޫޓިން ފެށިފައިވާއިރު، މިވަގުތު ޝޫޓިން ކުރިއަށްދަނީ އިންޑިއާގެ ސިޓީއެއް ކަމުގައިވާ ހައިދްރާބާދުގަ އެވެ.

ފިލްމުގެ ޝޫޓިންގައި ހުއްޓައި ކުއްލި ގޮތަކަށް ދީޕިކާގެ ހާލު ގޯސްވެ އޭނާ ވަނީ ހޮސްޕިޓަލަށް ފަރުވާކުރުމަށް ގެންގޮސްފަ އެވެ. އޭނާގެ ހާލު ގޯސްވީ، ކުއްލިއަކަށް އޭނާގެ ހިތް އަވަސްވެ، ނޭވާލުމުގައި އުނދަގޫތަކެއްވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

ދީޕިކާ ހޮސްޕިޓަލަށް ގެންދިއުމާއި ގުޅިގެން އާންމުންގެ އިތުރުން ފިލްމުގެ ކާސްޓުން ވެސް ވަނީ ކަންބޮޑުވެފަ އެވެ. އޭގެ ތެރޭގައި ފިލްމުގެ ލީޑް ރޯލް ކުޅޭ ޕްރަބާސް ހިމެނޭއިރު، ޕްރަބާސް ވަނީ ދީޕިކާގެ ހާލަތު ރަނގަޅުވުމުން ނޫނީ ޝޫޓިން ކުރިއަށް ނުގެންދިއުމަށް ފިލްމުގެ ޕްރޮޑަކްޝަނަށް އެދިފަ އެވެ.

ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލުމާއެކު ދީޕިކާ ވަނީ އަނބުރައި ސެޓަށް އައިސް ޝޫޓިން ކުރިއަށް ގެންގޮސްފަ އެވެ.