ދުނިޔޭގެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19ގެ ވެކްސިން ދޭން ފެށޭވަރު ވާނީ 2021 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް އެޑްވާންސްޑް ކްލިނިކަލް ޓްރަޔަލްއަށް ދިޔަ އެއްވެސް ވެކްސިނެއްގެ އެފިކެންސީ ލެވެލް 50 ޕަސެންޓަށް އަރައި "ފެހި ސިގްނަލެއް" ދީފައިނުވާ ކަމަށް ޑަބްލިއުއެޗްއޯގެ ތަރުޖަމާނު، ޑރ. މާގަރެޓް ހެރިސް ވިދާޅުވި އެވެ.

ރަޝިއާއިން ވަނީ ދެ މަސްދުވަސް ވަންދެން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރުމަށްފަހު އޮގަސްޓް މަހުގެ ތެރޭ ކޮވިޑް-19ގެ ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ހޯދާފަ އެވެ. މިހާ އަވަހަށް މި ވެކްސިން ބޭނުންކުރަން ފެށުމުން ކަމާބެހޭ މާހިރުން ވަނީ ވެކްސިންގެ ރައްކާތެރިކަމާއި އެފިކެންސީއާއި މެދު ސުވާލުއުފައްދާފަ އެވެ.

އެމެރިކާގެ ޕަބްލިކް ހެލްތް އޮފިޝަލުންނާއި ފިޒާ އިންކް އިން ބުރާސްފަތި ދުވަހު ބުނިގޮތުގައި އެންމެ އަވަހަށްވެސް ވެކްސިނެއް އުފައްދައި، ބޭނުންކުރެވެން ފެށޭވަރު ވާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ.

"އަހަރެމެން އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން 2021 ވަނަ އަހަރުގެ މެދުތެރޭގެ ކުރިން އާންމުންނަށް ވެކްސިން ދޭން ފެށޭނެ ކަމަށް،" ޔޫއެންގެ ބްރީފިންއެއްގައި ވާހަކަފުޅު ދައްކަވަމުން ހެރިސް ވިދާޅުވި އެވެ.

"ވެކްސިން ޓެސްޓުކުރުމުގެ ތިންވަނަ ފޭސްއަށް ގިނަ ވަގުތު ދޭން ޖެހޭ. ސަބަބަކީ ވެކްސިން ކިހާ ރައްކާތެރިތޯ އަހަރެމެންނަށް އެނގިގެންދާނީ އެ ފޭސްގައި ކަމަށްވާތީ."

ޑަބްލިއުއެޗްއޯ އާއި ގަވީއިން ގުޅިގެން ދަނީ "ކޯވެކްސް"ގެ ނަމުގައި ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ކަމާއި އެކީ ވެކްސިން ފޯރުކޮށްދިނުމުގެ ޕްލޭނެއް ހަދަމުންނެވެ. މި ޕްލޭންގެ އަމާޒަކީ ކޮންމެ ގައުމެއްގެ ވެސް އެންމެ ހައި ރިސްކު މީހުންނަށާއި ސިއްހީ ހިދުމަތްތެރިންނަށް އެންމެ ފުރަތަަމަ ވެކްސިން ދިނުމެވެ.

ކޯވެކްސްގެ އުންމީދަކީ 2021 ވަނަ އަހަރު ނިމުމުގެ ކުރިިން ވެކްސިންގެ ދެ ބިލިއަން ޑޯޒް ޑެލިވާ ކުރުމެވެ. -ރޮއިޓާސް