ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބާއްވާފައި ވަނީ މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގުޅިގެނެވެ. އެ ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު ވަނީ ގަލޮޅު ދަނޑުގެ ތެރެއަށްވަދެ ހަމަނުޖެހުން ހިންގާފަ އެވެ.

މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ބޭނުންކުރި ތަކެތި ގެންދިޔައީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ހަރަކާތުގައި ސިޔާސީ ޕާޓީއަކުން ބައިވެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން ހާމަވެއްޖެނަމަ އެ ޕާޓީއަކާ މެދު ގާނޫނުގައިވާގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފިޔަވަޅު އަޅަން ނިންމާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުންނެވެ.

އެ މައްދާގައި ބަޔާންކޮށްފައިވާ އަދަބަކީ 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގެ ފޮޓޯ އާއި ވީޑިއޯ ހުށަހެޅުމަށް ހާއްސަ ޕޯޓަލް އެއްވެސް ފުލުހުން މިއަދު ވަނީ ތައާރަފްކޮށްފަ އެވެ.