ފިޒާލް އޮތީ ކޮޓަރީގައެވެ. ނިދަން ތައްޔާރުވެގެން، ދިހައެއް ނުޖަހަނީސް އޭނާ އޮށޯވެއްޖެއެވެ. ދޭއް ޖަހާއިރު، ބައްޕަ ނޫނީ މަންމަ އައިސް ގޮވާނެއެވެ. ދަމުނަމާދަށް ނަގާނެއެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. އެހެންކަމުން އޭނާ އޮތީ ވަރަށް އަވަހަށް ނިދަން ބޭނުންވެފައެވެ.
ނިދަން ކިތަންމެ ބޭނުންވިޔަސް، ފިޒާލުގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ނިދި ވަނީ މި ރޭ އޭނާދެކެ ރުޅި އައިސްފައެވެ. ނުވަތަ ފޫހިވެފައެވެ. މި ރޭ އޭނާގެ ބައިވެރިއަކަށް ވެފައި ވަނީ ފޯނެވެ. އެ ފޯނުގައި ރައްކާކޮށްފައި ވާ ރީތި ސޫރައެވެ. އާއެކެވެ. އޭނާ އެނދުމަތީގައި އުޑުތިލަމަތީން އޮވެ، ބަލަމުން އެ ގެންދަނީ، މިއަދު އޭނާ އެ ފޯނުގައި ކުރަހައިލި ނަދާގެ ސޫރައަށެވެ. ހިތްގައިމު މޫނަށެވެ. އެ މޫނުމަތިން އޭނާއަށް ފެންނަނީ، ސިހުމާއި ބިރުގަތުމުގެ އަލާމާތްތަކެވެ. ދެ ލޯ ހުރީ ބޮޑުވެފައެވެ. އަނގަ ހުޅުވި، ނޭވާ އެތެރެއަށް ހިފެހެއްޓިފައެވެ. ފިޒާލުގެ ސިކުނޑީގައި ވަނީ ވަރަށް ބޮޑު ސުވާލުމާކެކެވެ. އެ ވަރުގެ ބޮޑު ސިހުމެއް އޭނާއަށް ލިބެންވީ ކީއްވެގެން ބާވައެވެ؟ އެ ގޮތަށް އެ ކަން ވާނޭކަން އެނގޭ ނަމަ، އެ ފޮޓޯއެއް އޭނާ ނުނެގީހެވެ. ނަދާ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ކުރިމަތި ކުރުވާކަށް، އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެ ގޯސް އޭނާއަށް ހެދިއްޖެއެވެ.
މި ކަމާ އެތައް އިރަކު ވިސްނާން ފިޒާލަށް އޮވެވުނެވެ. މި ފޮޓޯ މިއަދު ނުނެގުނު ނަމައެވެ. ފަހަރެއްގައި އޭނާދެކެ ނަދާ ރުޅި ވެސް އަތުވެދާނެއެވެ. ފެންނަހައި އަންހެން ކުދިންގެ ފޮޓޯނަގަމުން ދުވާ މީހެއްކަމަށް ވެސް ހީކޮށްފާނެއެވެ. ދެން ހަދާނީ ކިހިނެއް ބާވައެވެ؟ ފިޒާލް ވިސްނަމުން ގެންދިޔައެވެ. މާދަމާ ހެނދުނު ނަދާ ބެލްކަންޏަށް ނިކުތީމާ، އޭނާއަށް ފެންނަގޮތަށް ފޮޓޯ ޑިލީޓްކޮށްލާނީއެވެ. އަދި ފޮޓޯ ނެގުނީތީ، މާފަށް އެދޭނީއެވެ. ދެން އެ ކަހަލަ ކަމެއް ނުކުރާނޭކަމަށް ބުނެ ވަޢުދު ވެސް ވާނީއެވެ. އޭރުން ނަދާގެ ކަންބޮޑުވުން ފިލައި، އޭނާގެ ހިތަށް ފިނިކަން ލިބޭނެއެވެ. އެ ދެމެދުގައި އިތުރު ގާތްކަމެއް ވެސް އުފެދޭނެއެވެ.
މި ގޮތަށް ވިސްނުން ބަދަލުކޮށްލުމުން، ފިޒާލުގެ ހިތަށް ހަމަޖެހުން ލިބި، ނިދީގެ ބާރު ލޮލަށް ހިނގާން ފަށަފިއެވެ. ލޯ މެރެމުން ދަނިކޮށް، އިވުނީ ފޯނު ރިންގުވާން ފެށިއަޑެވެ. ލޯ ހުޅުވައި ބަލައިލިއިރު ގުޅަނީ، އެކުވެރި އަހުސަނެވެ. ފިޒާލު ފޯނުނެގިއެވެ.
“ކޮން ދުނިޔެއަކު ތި އުޅެނީ؟” ފިޒާލުގެ ޚަބަރެއް ނުވާތީ، އަހުސަނު ވާހަކަ ފެށީ ޝަކުވާގެ ރާގުގައެވެ.
“ފުރަބަންދުގެ ދުނިޔޭގަ.” ނިދިއަޑަކުން އެހެނަސް ހިނިތުންވެލަމުން ސަމާސާ ގޮތަކަށް ފިޒާލު ބުންޏެވެ.
“މަ ވެސް މި އުޅެނީ ތި ދުނިޔޭގަ.”
“ދެ މީހުން އެއް ދުނިޔޭގައި އުޅޭއިރު ވެސް ދިމާނުވޭ ދޯ؟”
“މަށަށް ހީވަނީ ފިޒާލް މިހާރު ފުރަބަންދުގެ ދުނިޔެއަށް މުޅިން ހޭނިއްޖެހެން.”
“މާ ބޮޑަށް ވެސް. މިހާރު މި ދުނިޔެއިން ނިކުންނަހިތް ވެސް ނުވޭ!”
“ނުވިސްނުނު!”
“އަދި ވިސްނޭނެ! އެބަ އޮތް ޝެއަރކޮށްލަން ޖެހޭ ވަރަށް މުހިންމު ވާހަކައެއް”
“ކޮންވާހަކައެއް؟ ކިޔާބަލަ!”
“މިހާރަކު ނޫން!”
“ދެން؟”
“އަހުސަން ވަރަށް އުފާވާ ކަހަލަ ވާހަކައަކަށް ވާނެ!”
“އަނެއްކާ ބިޓެއް ނެގީތަ؟” އަހުސަނަށް ވަގުތުން އަހައިލެވުނެވެ.
“އެއީތަ އަހުސަން އެންމެ އުފާވާނެ ކަމަކީ؟” ފިޒާލު ހޭންފެށިއެވެ. އޭނާ ގާތަށް އައިސްފައި ހުރި ނިދި ވެސް ފިލަމުންފިލަމުން ގޮސް އެއްކޮށް ފިލައިފިއެވެ.
“މަ އެކަންޏެއް ނޫން! ފިޒާލުގެ މުޅި ފެމެލީ ވެސް.”
ފިޒާލް މީހަކާ ނީނދެގެން މަންމައާއި ބައްޕަ ކަންބޮޑުވެގެން އުޅޭކަން އަހުސަނަށް ވެސް އެނގެއެވެ. އަހުސަނުގާތު ވަރަށް ގިނައިން އެ ދެމަފިރިން އެ ވާހަކަ ދައްކައެވެ. އަހުސަނު ކައިވެނިކުރި ދުވަސްކޮޅު އަދި ވަކިން ބޮޑަށް އެ އޮއިވަރު އެޅިއެވެ. އަހުސަނު ވެސް ވަރަށް ގިނައިން ފިޒާލާ އެ ވާހަކަ ދައްކައެވެ. އެހެންނަމަވެސް ފިޒާލު މޭހެޔޮވާ ކަހަލަ ކުއްޖަކު ފެނުނުކަމަކަށް ނުވެއެވެ. ނަދާގެ ވާހަކަ އަހުސަނުގާތު ބުނުމުން، އެއީ ކޮންފަދަ ޖާދޫގަރެއްބާވައޭ އަހުސަނުގެ ހިތަށް އަރާނޭ ކަންނޭނގެއެވެ.
“ދެން އޯކޭ! ކޮބާ އަންހެނުންނާއި ދަރިފުޅު ރަނގަޅުތަ؟”
“އަލްހަމްދު ﷲ! ދަރިފުޅު ރަނގަޅު. އެކަމަކު އަންހެނުން އަނެއްކާވެސް ބަލިވެގެން މި އުޅެނީ. ގުޅާނުލެވި ތިން ހަތަރު ދުވަހެއް މި ދިޔައީ ވެސް އެހެންވެ.”
“ކިހިނެއްވީ؟ ނުވެސް ބުނަމެއްނު!” ފިޒާލުގެ މޫނުމަތީގައި ހުރި ސަމާސާ ކުލަވަރު ވަގުތުން ވަޅުޖެހިއެވެ.
“ކުރީގެ ބަލިގަނޑު އަނެއްކާވެސް ހިލިގަތީ.”
“އެހެންތަ؟ އެހެންވީމާ އެ ކަން މުޅިން ހަމައަކަށް ނޭޅެނީތާ!”
“އާނ! ރޭ ވެސް އެންމެ ލޮލުފިޔައެއް ވެސް ނުޖަހަން.”
“ހާދަ ދެރައޭ! ސޮރީ އިނގޭ މަށަށް ޚަބަރު ބަލައިނުލެވުނީމަ. ދެން ކިހިނެއް ހަދަން ތި ގަސްދުކުރަނީ؟”
“ކިހިނެއް ހެދޭނީ؟ ތަނަކަށް ފުރައިގެން ދެވޭން ވެސް އޮތީއެއް ނޫން!” އަހުސަންގެ އަޑުގައި ހުރީ ހިތާމައާއި މޮޅިވެރިކަމެވެ. ފިޒާލަށް އޮވެވުނީ އަހުސަނުގެ ހާލަތާމެދު ވިސްނާށެވެ.
“ދެން އެ ކަމާ ނުވިސްނާ! އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯސްކޮށެއް ނުވާނެ!” ފޯނުން ގުޅައިގެން ވާހަކަދައްކަމުން ގެންދިޔައިރު، ނީނާ މަސައްކަތްކުރީ ނަދާއަށް ވިސްނައިދެވޭތޯއެވެ!
“ނީނާ އަބަދުވެސް ބުނާނީ ތިހެން. އެކަމަކު ކޮންކަމެއް ރަނގަޅަށް ދިޔައީ؟” ނަދާގެ އަޑުގައި ހުރީ ރިހުމެވެ.
“ތިހެން ބުނާކަށްނުވާނެ!”
“ދެން މިހެން ދޯ ބުނެވޭނީ؟ ތިހިރަ އުޅޭ ލަތީފެއް ވެސް……. ހުވާ މި ބުނި! ބޯ ފަޅައިގެންދާވަރުވޭ! ސިކުނޑިއަށް ލުޔެއް ލިބޭތޯ ބެލްކަންޏަށް ނުކުމެލަންފެށީމަ، އެ ތަނުން ވެސް ޖިންނިއެއް އަވަލައިފި. ސަލާމަތެއް ނެތް! ފިރިހެނުން މީ ކިހިނެއްވެފައި ތިބޭ ބައެއްތަ؟”
“ނަދާ….” ފަހު އަކުރަށް ދަމައިލަމުން ނީނާ ގޮވައިލިއެވެ. “މަށަށް ހީވަނީ، ތިހެން ގޭގައި އިނދެއިނދެ ނަދާ ބޯގޮވަނީހެން.”
“އޭނަ ނުޖެހޭނެ މަގޭ ފޮޓޯ ނަގާކަށް.” ނަދާގެ އަޑު ބާރުވަމުން އައެވެ.
“ހަމަޖެހިބަލަ ނަދާ!”
“ކިހިނެއްތަ ހަމަޖެހޭނީ؟ އޭގެފަހުން އަބަދު ހުންނަނީ ފާޑަކަށް ހިތް ބިރުގެންފަ.”
“ދެން ތި ވާހަކަ ބާއްވަބަލަ! އެއީ ނަދާއަށް ހީވި ގޮތަކަށް ވެސް ވެދާނެ! ހިނގާބަލަ ރަށަށް އާދެވޭ ކަހަލަ ގޮތެއް ހަމަޖެހޭތޯ ބަލަން. ދުރުހިލޭ ބަޔެއްގެ ގާތުގައި ތިހެން އެކަނި ނަދާ އިންނާތީ، ނަދާގެ މަންމަ ވެސް އިންނަނީ ވަރަށް ކަންބޮޑުވެފަ.”
“ރަށަށް ދިޔަސް ސަލާމަތެއް ނޯންނާނެ! ރިސޯޓު ބަންދުކުރީމަ، ރަށަށް އައިސް އެހެރީ. އޭނަ ޖަހާބެރަށް ނެށުން ނޫންކަމެއް ދެން މަށަކަށް ނޯންނާނެ! ނީނާ ވެސް ވެއްޖެ ވިއްޔަ އެ ކޯކުދަޅު މަށަށް ބޯންދޭން!” ނަދާގެ ދެ ލޮލުން ކަރުނަ އޮހިގަތެވެ.
“ޕްލީޒް! ދެން ތި ވާހަކަ ހުއްޓާލާ!” ނީނާގެ މޫނުމަތިން ވެސް ފެންނާން ހުރީ ކަންބޮޑުވުމެވެ. “އަހަރެން މާދަމާ ޒަކީބެއާ ވާހަކަ ދައްކާނަން.” ޒަކީބެއަކީ ރަށު ކައުންސިލްގެ ރައީސެވެ. “އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނީނާއަށް ރަށަށް އާދެވޭގޮތްވާނެ!”
“ހިޔެއް ނުވޭ މާ އަވަހަކަށް ތިކަން ވާނެހެނެއް! ރޭގަ ވެސް ހެލްތު މިނިސްޓަރު ވިދާޅުވީ، މާލެއިން ރަށްރަށަށް ދިޔުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް.” ނިޒާރާއި ތައުފީޤު ތިބީ ސޯފާގައެވެ. އެއީ ހުކުރު ދުވަހުގެ މެންދުރުކުރީގެ ވަގުތެވެ. އެ ދެ މީހުންގެ ވާހަކައިގެ މައުޟޫއަކީ މި ދުވަސްވަރެވެ. މި ދުވަސްވަރު ދުނިޔޭގެ ހާލަތު އޮތްގޮތުގެ ވާހަކައެވެ. އެއް ޤައުމުން އަނެއް ޤައުމަށް ބަލި ފެތުރެމުން ގޮސް، ދުއިސައްތަ އެތައް ޤައުމަކަށް ބަލި ފެތުރުނު ވާހަކައެވެ. ޤައުމުތަކުގައި ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ވާހަކައެވެ. ދިވެހިރާއްޖޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ވާހަކައެވެ.
“ރަނގަޅު ވާހަކަފުޅެއް އެއީ. މާލެއިން ރަށްރަށަށް ދަތުރުކުރުން މި ދުވަސްވަރު އެއްގޮތަކަށް ވެސް ބުއްދިވެރިއެއް ނޫން! އެންމެ މީހެއްގެ ސަބަބުން މުޅިރަށް ހަނާވެދާނެ!
“ތި ކަން އޮތީ ތިހެން.” ނިޒާރު ބޯ ޖަހައިލިއެވެ.
“އަމާޒުބޯޓުގެ ސަބަބުން ވެސް ތޭރަ ރަށެއްގެ މީހުން ބިރުވެރިކަމެއްގެ ތެރެއަށް ގަންބާލި. ދެރަގޮތެއް ދިމާނުވިކަން އެއީ އަހަރެމެންގެ ނަސީބު!”
“ދެން އޮތީ ކެތްތެރިވެލައިގެން ހުރުން.”
“އާނ!” އިރުކޮޅަކު ވިސްނާން އިނދެފައި، ތައުފީޤު ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ގޮތަށް މާލޭގައި ތާށިވެފައި ނިޒާރަށް ހުންނާން ޖެހިފައިވާތީ، ތައުފީޤު ވެސް ވަރަށް ކަންބޮޑުވެއެވެ. ރަށަށް ނުދެވި ހުންނާންޖެހޭ ކޮންމެ ދުވަހަކީ، ނިޒާރުގެ ދިރިއުޅުމަށް ލިބޭ ބޮޑު ގެއްލުމެކެވެ. ވިޔަފާރިއަށް އެޅޭ ނުހަނު ބޮޑު ހުރަހެކެވެ.
“ނިޒާރޫ ބުނާކަށް މީ އަހަރެމެން ދިވެހިންނަށް ލިބެމުން އަންނަ ވަރަށް ވަރުގަދަ ފިލާވަޅެއް.” އިރުކޮޅަކުން އިނދެފައި ނިޒާރުގެ މޫނަށް ތައުފީޤު ބަލައިލިއެވެ.
“ތި ބުނީ؟ މި ބަލީގެ ވާހަކަތަ؟”
“އާނ! ކުރީ ދުވަހަކު ވެސް ކޮންމެވެސް ނޫހެއްގައި ޖަހާފައި އޮތް، ބިދޭސީން ދިރިއުޅޭ އަށާރަ ތަނެއް ފުލުހުން މޮނިޓަރ ކުރަމުން ގެންދާ ވާހަކަ. އެނގޭތަ އެ އަށާރަ ތަނުގައި ދިރިޅޭ މީހުންގެ އަދަދު؟ ބަރާބަރު އަށް ސަތޭކަ ތިރީސް ހަތް މީހުން އެ ތަންތަނުގައި ދިރިއުޅެޔޯ! ނިކަން ވިސްނައިލަބަލަ! އާދައިގެ ރަށެއްގެ އާބާދީއެއްނު އެއީ.”
“އެހެންވީމާ ބަލިޖެހޭ ބިދޭސީންގެ އަދަދު މައްޗަށް މި ދަނީ ހަމަ ދާންވެގެން.”
“އާނ! ހަމަ ރަނގަޅަށް ތި ބުނީ. ކުދިކުދި ތަންތަންކޮޅުގައި، ފުނިފުންޏަށް ޖަހައިގެން މީހުން ގެންގުޅޭންވީމާ ވާނީ މި ކަހަލަ ގޮތެއް!”
އެކަމަކު އެއީ ވެސް އިންސާނުން ދޯ!”
“ހެޔޮނުވާނެ އެ ގޮތަށް އިންސާނުން ގެންގުޅޭކަށް. އެންމެ ދުވަހަކު ވެސް އަހަރެމެންނަށް އެ ދިރިއުޅުން އުޅެލަން ޖެހުނީމަ އެނގޭނީ.”
“އެންމެ ދުވަހަކު ވެސް ކެތްކޮށްނުލެވޭނެ!”
“ޔަގީންތާ!” ތައުފީޤު ގަޑިއަށް ބަލައިލިއެވެ. “މިހެން ވާހަކައިގައި ތިއްބާ މިއޮތް އެގާރަ ޖަހަނީ. އުޅޭ ތެދުވަން! ހުކުރަށް ނުދެވުނަސް ކަހަފު ސޫރަތް ކިޔަވައިލައި ހަދަންޖެހޭނެ!” ތައުފީޤު ތެދުވިއެވެ.
“ކޮބާ ފިޒާލު މިއަދު؟ އަދި ނުހޭލަނީ؟” ނިޒާރު ވެސް ތެދުވިއެވެ.
ފިޒާލް އޮތީ އެނދުގައެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން ފޯނަށް ބަލާށެވެ. އޭނާގެ ދެ ލޮލުގައި ވަނީ ނަދާގެ ސޫރައެވެ. ސިކުނޑީގައި ވެސް ވަނީ އެ ސޫރަ ބިންވަޅު ނެގިފައެވެ. އަންހެންކުއްޖަކާ ދިމާއަށް ލޮލުގެ ކުޑަކޮޅުން ވެސް ބަލައިނުލައި އުޅުނު މީހަކަށް، ކުއްލިއަކަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ނަދާ ދެކެ މާ ބޮޑަށް ލޯބިވެވުނީއެވެ.
ފިޒާލް އޮތީ ފެންވަރައި ރީތިވެގެންނެވެ. އެއްޗެހި ވެސް ބަދަލުކޮށްގެންނެވެ. މިއަދު ވެސް ނުވަގަޑި ބަޔަށް އޭނާ ބެލްކަންޏަށް ނިކުތެވެ. އުއްމީދާއެކުގައެވެ. ދިހަ ގަޑި ބައިވަންދެން ބެލްކަނީގައި ހުރުމަށްފަހު، މިހާރު އެ އޮތީ އެނދުގައެވެ. ފޮނި އިންތިޒާރެއްގެ ނިމުން ހިތިވުމުން، ލިބުނު މާޔޫސްކަމާއެކުގައެވެ. އޭނާ ވިސްނަމުން އެ ދަނީ އެ ކަމާއެވެ. ނަދާ މިއަދު ނުނިކުތީ ކީއްވެގެން ބާވައެވެ؟ އިއްޔެ ފޮޓޯ ނެގުމުން އެ ކަމާ ރުޅިއައީ ބާވައެވެ؟ ނޫނީ ހަމަ ޙަޤީޤަތުގައި ވެސް އޭނާ ބިރުގަތީ ބާވައެވެ؟ އެކަމަކުވެސް ނިކުތް ނަމައެވެ.
ފަހަރެއްގައި ހުކުރު ދުވަސްވީމާ، ވީ ގޮތަކަށް ވެދާނެއެވެ. ހުކުރު ދުވަހަކީ ޗުއްޓީ ދުވަހެވެ. ޔަޤީނެވެ. ނަދާ ވެސް ޗުއްޓީ ހަދައިލީއެވެ. މާދަމާ ދިމާވާނެއެވެ. ފިޒާލު އުއްމީދު ކުޑައެއް ނުކުރެއެވެ. ނަދާއާމެދު އޭނާ ދެކޭ ހުވަފެނުގެ ސިލްސިލާއަކަށް ބަދަލެއް ނުގެނެއެވެ. އޭނާއަށް އަދި ނަދާ ފެންނާނެއެވެ. ބައްދަލުވާނެއެވެ. ވާހަކަ ވެސް ދެކެވޭނެއެވެ. ނަދާގެ ލޯބި އޭނާއަށް ހާސިލުކުރެވޭނެއެވެ. އަނތްބެއްގެ މަޤާމަށް ވެސް ގެނެވޭނެއެވެ.
މި ކަހަލަ އުފަލުން ހިތް ބަންޑުންވާ ފަދަ ޚިޔާލުތަކުން ސިކުނޑިއަށް ފިނިކަން ހޯދައިދިނަސް، ދޭތެރެއަކުން ފިޒާލުގެ ހިތަށް ނުތަނަވަސްކަން ވެރިވެއެވެ. ހިތް މާޔޫސްކޮށްލައެވެ. މިއަދަކީ ހުކުރު ދުވަހެވެ. ދުޢާ އިޖާބަކުރެއްވުން ބޮޑު ދުވަހެކެވެ. އެހެންކަމުން އޭނާ އެނދުމަތިން ތެދުވެ، ފާޚާނާއާ ދިމާއަށް ހިނގައިގަތީ، ވުޟޫކޮށްލުމަށް ނިޔަތް ގަނެގެންނެވެ.
ނަމާދުކޮށް ޤުރުއާން ކިޔަވައިލައި، ދުޢާކޮށް ހަދައިލުމުން، ފިޒާލުގެ ހިތަށް ވެރިވި ނުތަނަވަސްކަން ފިލައި، ބޮލަށް ލުއިވެއްޖެއެވެ. އުއްމީދުތަކަށް ދިރުން ލިބިއްޖެއެވެ. ކަންބޮޑުވެ ހާސްވާ ކޮންމެ ދަނޑިވަޅެއްގައި ވެސް މިއަށްވުރެ ބޮޑު ފަރުވާއެއް ކުރާކަށް ނޯންނާނެއެވެ. ނަމާދުކޮށްލައި، ޤުރުއާން ކިޔަވައިލައި، ހިތަށް ހަމަޖެހުން ދެއްވުން އެދި ދުޢާކޮށްލުމުން މާޔޫސްކަން ފިލާނެއެވެ. ފިޒާލަށް މިއަދު އެ ކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެއެވެ. އޭނާ ކޮޓަރިން ނިކުތީ، ހަމަޖެހިފައިވާ ހިތަކާއެކުގައެވެ. އޭރު ތައުފީޤު އިނީ ސިޓިންރޫމުގައި ފިޒާލުގެ އިންތިޒާރުގައެވެ. ފިޒާލު އައިސް ބައްޕަގާތު ސޯފާގައި ޖައްސައިލިއެވެ.
“މަންމަ ކޮބައި؟”
“އެބަ އިން ކޮޓަރީގަ ޤުރުއާން ކިޔަވަން. ދަރިފުޅު ނިކުންނަންދެން ބައްޕަ މި އިންނަނީ.”
“ކިހިނެއްވީ؟”
“ގޭގައި ކުއްޔަށް އުޅޭ މީހަކު ދެންމެ ބައްޕައަށް ގުޅައިފި.”
“ކީކޭ ބުނީ؟” ފިޒާލު އިނީ ބައްޕަގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކުލި ކުޑަކޮށްދޭން އެދުނީ. މުސާރައިން ވަރަށް ބޮޑުބައެއް ކަނޑާލައިފިޔޯ. މި ދުވަސްވަރު ވަރަށް ގިނަ މީހުންނަށް އެ ހާލަތު ކުރިމަތިވާނެ! އެތައް ބައެއްގެ ވަޒީފާގެއްލި، މުސާރަކުޑަކޮށް، މި ކަހަލަ އެތައް ކަމެއް އެބަ ހިނގާ! އެހެންވެ ބައްޕަ މި ގަސްތުކުރަނީ ކުރިއަށް އޮތް ތިން ހަތަރު މަހަށް، ހުރިހައި އެޕާޓްމަންޓެއްގެ ކުލި ކުޑަކުރަން. ކޮބާ ދަރިފުޅުގެ ޚިޔާލަކީ؟”
“ރަނގަޅު ޚިޔާލެއް! ބަޔަކަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމަކަށްވާނެ!”
“ކިހައިވަރެއް ކަނޑަން ދަރިފުޅަށް ފެންނަނީ؟”
“%40 ވަރު ކިހިނެއްވާނީ؟” އިރުކޮޅަކު ވިސްނާން އިނދެފައި ފިޒާލު ބުންޏެވެ.
“ރަނގަޅުވާނެ! އެހެންވީމަ މިއަދު އެންމެންނަށް ގުޅާފަ ބުނޭ، މި ފެށޭމަހުން ފެށިގެން ކުލި ކުޑަކޮށްދިން ވާހަކަ.”
“ދެން ފިހާރައިގައި އުޅޭ މީހުންނަށް ކިހިނެއް ހަދާނީ؟ ބައެއް މީހުން ގުޅާފަ އެބަ އަހާ.”
“ބައްޕަގެ ވިސްނުމަކީ، އެއްވެސް މީހަކު ވަޒީފާއިން ނުކެނޑުން. އެލަވަންސް ކަނޑައިފަ ފުލް މުސާރަ އެންމެނަށް ވެސް ދޭން ފެންނަނީ. އެހެންނޫނީ އެ މީހުންނަށް ވެސް ވަރަށް ދަތިވާނެ! އަހަރެމެންގެ ވިޔަފާރި ކުރިއަރަނީ، އެ މީހުން ގުދާރު ބިންދައިގެން މަސައްކަތްކުރާތީ.”
“އެހެންވީމަ އެ މީހުންނަށް ވެސް މިއަދު ގުޅާނަން އިނގޭ!”
“އާނ! މި ކަހަލަ ހާލަތެއްގައި މިހެން ވެވޭ އެހީތެރިކަމަކީ، ފަހަށް ރައްކާކުރެވޭ މުދާ. ބައްޕަ ނެތް ދުވަހެއްގަ ވެސް މި ކަހަލަ ކަންކަމަށް ދަރިފުޅުމެން ސަމާލުވާތި!”
ޖެހިގެން އައި ދުވަހު ވެސް ނުވަގަޑިބައިގެ ކުރިން ފިޒާލު ބެލްކަންޏަށް ނިކުތެވެ. ނަދާ ދެކިލައި ހިތުންނެވެ. ހިތަށް ފިނިކަން ލިބޭތޯއެވެ. އެހެންނަމަވެސް ނުވަގަޑިބައިވެ ބޮޑުވިއިރު ވެސް ނަދާއެއް ނުނިކުތެވެ. ދިހައެއް ޖަހައިފިއެވެ. ދިހަ ގަޑި ފަނަރަ ހިނގައިފިއެވެ. ނަދާގެ އިންތިޒާރުގައި ވަގުތުތައް ގުނައިލަ ގުނައިލަ ފިޒާލު ހުއްޓެވެ. ދެ ފައިކޮޅުގައި ރިއްސައި، ދާހިއްލައި ފޯވިއިރު ވެސް، އެތެރެއަށް ވަންނާކަށް ހިތެއް ނޭދުނެވެ. އިރުކޮޅަކުން ނިކުމެދާނެއޭ ހިތް ބުނަނީއެވެ.
ފަޒުލާ އުޅުނީ އޭނާގެ ކޮޓަރީގައެވެ. ކޮޓަރި ކުނިކަހައި ތަންމަތިއެޅުމުގައެވެ. އިރުކޮޅަކުން އައީ ބިޝާރާގެ ކޯލެކެވެ. ފޯނު ނުނަގައި ފަޒުލާ އިރުކޮޅަކު މަޑުކޮށްލިއެވެ. މަޑުކޮށްލީއެއް ނޫނެވެ. މަޑުކޮށްލެވުނީއެވެ. ބިޝާރާ ބުނި ކަންތައް އަދިވެސް ނުކުރެވޭތީއެވެ. އިއްޔެ ވެސް ދޮންބެ ގާތު އެ ވާހަކައެއް ނުދެއްކުނެވެ. ބިޝާރާއާ ދޮންބެއާ ގުޅުވަން ފަޒުލާ ވެސް ބޭނުންވެއެވެ. ބިޝާރާއަކީ ނުލާހިކު ރަނގަޅު ޢާއިލާއެއްގެ ރަނގަޅު ކުއްޖެކެވެ. ހިތްހެޔޮ، އަޚުލާޤު ރަނގަޅު، ގެވެހި ކުއްޖެކެވެ. މަންމައާއި ބައްޕަ ވެސް ނުލާހިކު ލޯބިވާ ގާތް ކުއްޖެކެވެ. ބިޝާރާ މި ގެއަށް އަތުވެއްޖެ ނަމަ ގެއަށް ދިރުން ލިބޭނެއެވެ.
“އޭތް! ވަރަށް ބޮޑަށް ސޮރީ! އަދި މިއުޅެނީ އެ ވާހަކަ ނުދެއްކިގެންނޭ!” ފޯނު ނެގިގޮތަށް ފަޒުލާ ބުންޏެވެ.
“އެއްވެސް ސޮރީއެއް ނޯންނާނެ!” ބިޝާރާ ސަމާސާކޮށްލިއެވެ.
“ދޮންބެގެ ކޮޓަރި ކުނިކަހައި ހަދައިލަން އެ ކޮޓަރިއަށް ދާން އިރުކޮޅަކުން މި އުޅެނީ. މިއަދު ކޮންމެހެން ވެސް ތި ވާހަކަ ދެއްކޭތޯ ބަލާނަން.”
“އުފާވެރި ޖަވާބަކަށް އިންތިޒާރު ކުރަންވީތަ؟”
“އިންޝާ ﷲ!”
“އެކަމަކު މި ފަހަރު މި ގުޅީ ތި ވާހަކަ ދައްކާކަށް ނޫން!”
ބިޝާރާ ގުޅީ، ސަރުކާރުން ޓެލިކުލާސްތައް ފަށަން އުޅޭކަން އެނގިގެން އެ ވާހަކަ ދައްކާށެވެ. އެހެންކަމުން އެ ދެ ކުދިންގެ މެދުގައި ދެން ވާހަކަ ދެކެވުނީ އެ މަޢުޟޫއަށެވެ. އެ ކަމާ ގުޅޭގޮތުން ބިޝާރާއަށް އެނގިފައިވާ ހުރިހާ ވާހަކައެއް ފަޒުލާއާ ހިއްސާކުރަމުން ގެންދިޔައެވެ. އެ މައުޟޫގައި އެ ކުދިން ބައިތިއްބާފައި ފިޒާލާދިމާއަށް ޖެހިލާނަމެވެ.
ފިޒާލު އަދިވެސް ހުރީ ބެލްކަނީގައެވެ. އޭނާގެ މޫނުމަތިން ދާތިކިތައް އުފުލެމުން އަންނައިރު، މާޔޫސްކަމުގެ ކުލަވަރު ވެސް އަންނަނީ ފެންނަމުންނެވެ. އެހެން ހުއްޓާ އިވުނީ، ކޮޓަރީ ދޮރުގައި ޓަކި ޖަހައިލިއަޑެވެ. ޓަކި ޖަހައިލި ގޮތުން ވެސް އެއީ ކޮއްކޮކަން އޭނާއަށް އެނގުނެވެ. ދެތިން ފަހަރަކު ޖަހައިލުމުން، ފިޒާލު އެތެރެއަށް ވަނެވެ. ވަންނަމުން ވެސް އެނބުރި ބެލްކަންޏަށް ބަލައިލިއެވެ.
“ދޮންބޭ!” ފިޒާލު ދޮރު ހުޅުވައިލުމާއެކު ފަޒުލާ ކޮޓަރިއަށްވަނެވެ. “މި އައީ ކުނިކަހާލަން.” ފަޒުލާ ކުނިކަހާ ފިހިގަނޑު ނެގިއެވެ.
“ހާދަ ރަނގަޅޭ!” މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލެވޭތޯ ފިޒާލު މަސައްކަތް ކުރިއެވެ.
“އަދި މިހާރު ދޯ ރަނގަޅުކަން އެނގުނީ؟” ޑުރެސިންގ ޓޭބަލް ކައިރީގައި ހުރި ފިޒާލާ ދިމާއަށް ފަޒުލާ ބަލައިލިއެވެ. ހިނިތުންވެލަމުންނެވެ. އެ ވަގުތު ފަޒުލާ ސިހުނެވެ. ފިޒާލު ދާހިއްލައި ފޯވެފައި ހުރީމައެއް ނޫނެވެ. ދެ ލޮލުން ކަރުނަ ހިލެމުން އަންނަތަން ފެނިފައެވެ.
ނިމުނީ
އަންނަ ބުރާސްފަތި ދުވަހަށް އިންތިޒާރުކޮށްލައްވާ!