މ. މުލިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 97 ސާމްޕަލެއް ނަގާފައިވެ އެވެ. އޭގެ ތެރެއިން 65 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އޭގެ އިތުރުން ކޮވިޑަށް ޓެސްޓުކުރުމަށް އެ ހޮސްޕިޓަލުން އިއްޔެ ނެގި 13 ސާމްޕަލްގެ ތެރެއިން 10 ސާމްޕަލެއް ވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް ދައްކާފައިވެ އެވެ.
އެއާއެކު މުލިން މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 75 އަށް އަރާފަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކޮށް، ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފަ އެވެ.
ޖޫން މަހުގެ ދެވަނަ ހަފްތާއާ ބަލައި ޖޫން މަހުގެ ތިން ވަނަ ހަފްތާގައި 185 އިންސައްތައަށް ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ އާންމުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.