ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ އަޑު ކަނޑުވަން ސަރުކާރުން މަސައްކަތް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވެފައިވަނީ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައާ ގުޅިގެން ދީނީ އިލްމުވެރިންގެ ހުއްދަތައް ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނިކޮށެެވެ.

މިކަމާ ގުޅިގެން ކުރެއްްވި ޓުވީޓެއްގައި ޝިޔާމް ވަނީ ސަރުކާރަށް ދީނަށް ފުރައްސާރަ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން ޖިންސީގޯނާގެ މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަނަމެސް ދީނާއި ގައުމުގެ ހައްގުގައި ނިކުންނަ މީހުންގެ މައްޗަށް ވަގުތުން ތަހުގީގު ހިންގާއި، ޓެރަރިޒަމްގެ ދަޢުވާ އުފުލައި އެފަދަ މީހުން ޖަލަށްލާ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް އެއީ ހަރާމް ކަމެއް ކަމަށް ބުނެ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ގިނަ ވަނީ ދަނޑަށް ވަދެގަނެ އެތަނުގައި ތިބި މީހުން އެތަނުން ފޮނުވާލައި ހަމަނުޖެހުން ހިންގާފަ އެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ހަރަކާތުގައި އައްޝައިހް ފަޟްލޫން މުހައްމަދާއި އައްޝައިހް އާދަމް ނިޝާން ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިންނާއި އަދި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ ޑިޕލޮޓުންނާއި މަންދޫބުންނަށް ހަމަލާދިން ކަމަށް ތުހުމަތުކޮށް، އެމީހުންނަށް ދީފައި އޮތް ދީނީ ތަގުރީރު ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ކުރިކަން އިއުލާން ކޮށްފަ އެވެ.

މިނިސްޓްރީން ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.