އިންޑިއާގެ މަޝްހޫރު "އައިޓަމް ގާލް" އަދި އެކްޓްރެސް ރާކީ ސާވަންތު އޭނާގެ އައު ލޯބިވެރިޔާއާއެކުގައި ފެނިއްޖެ އެވެ.

ރާކީއާ އޭނާގެ ލޯބިވެރިޔާ، އާދިލް ޚާން އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ވިދަން ފަށާފައިވާއިރު، އެ ދެމީހުން ވެސް މިހާރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ރާކީ ވަނީ އެއްބަސްވެފަ އެވެ. އަދި އެދެމީހުން އެކީގައި ވަރަށް ލޯބިން ދުވަސްތައް ހޭދަކުރަމުން ގެންދާކަމަށް އޭނާ ބުނެފައިވެ އެވެ.

ރާކީގެ އައު ލޯބިވެރިޔާ އަކީ މައިސޫރުގެ ވިޔަފާރިވެރިއެކެވެ. އަދި އެދެމީހުން ދިމާވީ ރާކީގެ ރަހުމަތްތެރިން މެދުވެރިކޮށް ކަމަށް ރާކީ ބުނެފައިވެ އެވެ. އެދެމީހުންގެ އުމުރުގައި ތަފާތުމިން ބޮޑުވި ނަމަވެސް އެއީ ދެމީހުންގެ މެދުގައިވާ ލޯތްބަށް އެއްވެސް ގޮތަކަށް އަސަރުކުރާ ކަމެއް ނޫންކަމަށް ރާކީ ބުންޏެވެ.

ރާކީ ބުނިގޮތުގައި މިހާރު އޭނާ ވަނީ އާދިލްގެ އާއިލާ މީހުންނާ ވެސް ބައްދަލުކޮށްފަ އެވެ. އަދި އާދިލްއާއެކުގައި ޒަވާޖީ ހަޔާތެއް ފެށުމަށް އުންމީދު ކުރާކަމަށް އޭނާ ބުނެފައިވެ އެވެ.

ރާކީ އިތުރަށް ބުނީ، އޭނާގެ ކުރީގެ ފިރިމީހާކަމަށްވާ ރިތޭޝް ސިންގްއާ ވަކިވުމުން އޭނާއަށް ފުން އަސަރެއް ކުރިކަމަށެވެ. އެހެންނަމަވެސް އޭނާ އެހިތާމައިން ސަލާމަތް ކޮށްދިނުމުގައި އެހީތެރިވެދެނީ އާދިލްކަމަށް ރާކީ ބުނެފައިވެ އެވެ.

ރާކީ އިތުރު މީހަކާ ގުޅުމާއި މެދު ރިތޭޝް ހިތާމަކުރާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ. އެހެން ނަމަވެސް ރާކީ އިތުރަށް ރިތޭޝްއާ ގުޅެން ބޭނުން ނުވާކަމަށް ރާކީ ބުނެފައިވެ އެވެ.