ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށް އެދި ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއަކީ އެ ހަރަކާތާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ.
އެސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރަމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ޚިލާފުގޮތަށްކަމަށް ބަޔާނުގައިވެ އެވެ. މީގެއިތުރުން ޔޯގާގެ ޝަރުޢީ ހުކުމާއިމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށްފަހު އާއްމުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފޮނުވި ކަމަށް އާއްމުވެފައިވާ ސިޓީގައި ބުނެފައިވަނީ މެޑިޓޭޝަން ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައި ވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ހިންދޫގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައިވެ އެވެ.