ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށާއި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް ރުކުން ހަމަވާ ބޭފުޅެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އާސްކު ސްޕީކާ" ޕްރަގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝާހިދު އެމަނިކުފާނު އަރިހު އެދިވަޑައިގަތް ކަމަށެވެ. އަދި އެއީ ރައީސް ސޯލިހަށް ޓިކެޓް ދިނުމުގެ ކުރިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝާހިދަށް ތާއީދު ނުކުރައްވައި އެފަހަރު އެމަނިކުފާނަށް ފެންނަ ފެނުމުގަައި 2018 ވަނަ އަހަރުގެ އިންތިޚާބަށް ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކީ ރައީސް ސޯލިހު ކަމަށް ޝާހިދަށް ދެންނެވިންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުޙައްމަދު ޟާލިޙު ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅުގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

https://www.youtube.com/watch?v=aF32EYHhzt4

ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕްރޮގްރާމުގައި އެމަނިކުފާނަށް އަމާޒުކުރި ސުވާލެއްގެ ޖަވާބުގަ އެވެ. އެ ސުވާލަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެތޯ އާއި އަދި ކާމިޔާބު ނުކުރެއްވިއްޖެނަމަ ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެތޯ އެވެ.

"2018 ވަނަ އަހަރު ޝާހިދު އަރިހުގައި އެފަހަރު ދެންނެވި އިރުގައި އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގައި ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނީ ކާމިޔާބު ކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ދާދިފަހުން އިއުލާން ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ނަޝީދު ވަނީ މިއީ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ރައްދު ދެއްވާފަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންފާނަންތޯ ކުރި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ދުރުވިސްނޭ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީއާ ދުރަށް ދިއުމަށް އުނދަގޫވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.