އިންޑިއާގެ ޑްރާމާ ކުޅޭ ދެ ފަންނާނުން ކަމުގައިވާ މައްހީ ވިޖް އަށާއި، އޭނާގެ ފިރިމީހާ ޖައި ބަނުސާލީއަށް މީހަކު މަރުގެ އިންޒާރު ދީފި އެވެ.
މިކަމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެދެތަރިން ޕޮލިހަށް މި މައްސަލަ ހުށަހަޅާފައިވާއިރު، އެދެމީހުންނާއި އެކުގައި ދެމީހުންނަށް ލިބިފައިވާ ތުއްތު ދަރިފުޅަށްވެސް މަރުގެ އިންޒާރު ދީފައިވެ އެވެ.
އެގޮތުން މައްހީގެ ޓްވީޓާ އެކައުންޓުގައި އޭނާ ކުރި ޓްވީޓްތަކެއްގައި ބުނީ، މިހުރިހާ ކަމެއް ހިނގާފައިވަނީ އެމީހުންގެ ގޭގައި ގެންގުޅޭ ކައްކާ އަކާއި ހެދީ ކަމަށެވެ. އެގޮތުން އެ ކައްކާ އެމީހުންގެ ގޭގައި ބަހައްޓާފައިވާ އެކި ސާމާނު ވަގަށް ނަގާކަން ފާހަގަވުމުން މައްހީ ޕޮލިހުންނަށް އެ މައްސަލަ ހުށަހެޅިކަމަށް އޭނާ ބުނެފައިވެ އެވެ.
އެކަމާއި ގުޅިގެން މަސައްކަތް ކުރަން އުޅުނު ކައްކާ އެމީހުންނާއި އެމީހުންގެ ދަރިފުޅުގެ ގަޔަށް ވަޅި ޖަހައި މަރާލާނެކަމަށް ބުނެ އިންޒާރު ދީފައިވާކަމަށް މައްހީ ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޕޮލިހުން އެ ކައްކާ ބަންދުކުރި ނަމަވެސް ބަންދުގެ މުއްދަތު އިތުރުނުކޮށް އޭނާ ވަނީ ދޫކޮށްލާފަ އެވެ.