އުދަ އެރުމުގެ ހާދިސާގައި ހަތް އަތޮޅަކުން 19 ރަށަކަށް އުދައަރާ، އެކި ވަރުގެ ގެންލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އުދައެރުމުގެ ހާދިސާ ދިމާވީ ތ އަތޮޅުގެ 8 ރަށާއި، ގއ. އަތޮޅުގެ ދެ ރަށާއި، ގދ. އަތޮޅުގެ ފަސް ރަށަކާއި، އައްޑޫގެ ދެ ރަށާއި، ޅ. ކުރެންދޫ އަދި ލ. މާވަށެވެ.
އެންޑީއެމްއޭއިން ބުނިގޮތުގައި އުދައެރުމުގެ ހާދިސާގައި ގާތްގަނޑަކަށް 300 އެއްހާ ގެއަށް ލޮނުގެ އަސަރުކޮށް ގެއްލުންވެފައިވެ އެވެ.
އެގޮތުން ތ. އަތޮޅުގެ 8 ރަށުން، 133 ގެއަކަށް ލޮނުވަދެ އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ގދ. މަޑަވެލި ހިމެނޭ ކަމަށެވެ. އެގޮތުން މަޑަވެލީގެ 98 ޕަސެންޓް ގެއަށް ލޮނު ވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އިއްޔެ މެންދުރުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް އަންނަނީ އުދަ އަރަމުންނެވެ.
ސ. މަރަދޫގެ 50 ގެއަށް ލޮނު ވަދެފައިވާއިރު، ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެ، އެ މީހުން އެހެން ބޯހިޔާވަހިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ސ. މަރަދޫ ފޭދޫގެ 30 ގެއަކަށް ވެސް އުދައިގެ އަސަރުކޮށްފައިވެ އެވެ.
އުދައިގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެގޮތުން އާއްމު ރައްޔިތުންނާއި ކައުންސިލްތަކާއި އަދި ފުލުހުންނާއި ސިފައިން ގުޅިގެން ރަށްރަށަށް އެހީވުމުގެ މަސައްކަތް ކުރަމުންގެންދެ އެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހި ޅ. ނައިފަރުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ކުރިއަށް މިއޮތް ތިން ދުވަހު ވެސް ރާއްޖެއަށް ވައިގަދަވެ، ވާރެއާއި އުދައިގެ އަސަރުކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތަކަށް ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ރައްޔިތުން ތައްޔާރުވެ ތިބުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގެތަކަށް ފެން ނުވަންނާނެހެން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށްވާތީ މޫދަށް ދިއުމާއި، ދަތުރުދިއުމާއި، ގޮނޑުދޮށް ސަރަހައްދުގައި ކަންކަން ރާވާއިރު މޫސުމަށް ބަލައިގެން ކަންކަން ރޭވުމަށް ވެސްވަނީ އިލްތިމާސްކޮށްފަ އެވެ.
ކީއްކުރަންތޭ ދެން ރާއްޖެތެރޭ ކުދި އާބާދީ ތަކުގައި ވެސް އަދި ބޮޑެތި އާބާދީ ތަކުގައި ވެސް މީހުން ދިރިއުޅެނީ އުޅޭނެ ކަމެއް ނެތޭ ތިއޮތް އައްޑޫ އެއާރޕޯރޓް އިން ވެސް އަހަރަކު 90 މިލިއަން ޑޮލަރު ގެއްލުމުގައި ހިންގަނީ އެއަށް ވުރެން ރަނގަޅުވާނެ ނޫންތޭ އެފައިސާ އިން މާލެ ސަރަހައްދު ފުށި ދިއްގަރު ފަޅު ހިއްކާ އެތަނަށް ރާއްޖެތެރޭ އެންމެނަށް ހިލޭ ގޯތި ދީގެން ބަދަލު ކުރިއްޔާ ދެން އައްޑޫ ދޭނީ ޗައިނާ އަށް ކުއްޔަށް އަހަރަކު 100 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދޭންވީއޭ..