މިއީ ވަރަށް މަދު ދިވެހި އަންހެނަކަށް ނޫނީ ނުލިބޭނެ ޝަރަފެކެވެ. ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓެއްގެ ބަދިގޭގައި ދިވެހި އަންހެނަކަށް އޭނާގެ ހުނަރު ދައްކާލަން ފުރުސަތު ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ.
ޒަމާނުއްސުރެ ފެށިގެން ރިސޯޓެއްގައި ދިވެހި އަންހެނުން މަސައްކަތް ކުރުމަކީ ގިނަ ބަޔަކަށް ބަލައިގަނެވޭ ކަމެއް ކަމަކަށް ނުވެ އެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެކަން އޮތީ އެހެންނެވެ.
ނަމަވެސް އެ ވިސްނުން ވެސް މިހާރު ވަނީ ޒާމާނާއެކު ބަދަލުވެފަ އެވެ. މިހާރު ޓޫރިޒަމް ދާއިރާގެ އެކި މަަސައްކަތްތަކުގައި ދިވެހި އަންހެނުންގެ ބައިވެރިވުން އަންނަނީ އިތުރުވަމުންނެވެ. އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެންމެ މަތީ މަގާމުތަކާ ހަމައަށް ވެސް ދިވެހި އަންހެނުން އަންނަނީ ދަތުރުކުރަމުންނެވެ.
މިއީ ވެސް ހަމަ އެފަދަ ކުޅަދާނަ ޒުވާނެކެވެ. ސ. ހިތަދޫއަށް އުފަން، އައިމިނަތު ހަމީދު 30، އަކީ ވެސް ހުނަރުވެރި ޒުވާން ޝެފެކެވެ. ރާއްޖޭގައި ހިންގާ އެންމެ މަތީގެ އެއް ރިސޯޓު، ދަ ރިޒްކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގެ ބަދިގޭގައި އޭނާގެ ހުނަރު ދައްކަމުން އަންނައިރު އޭނާގެ ވާހަކަތަކަކީ ހިތްވަރާއި ބުރަ މަސައްކަތުގެ މިސާލެކެވެ.
އާމްދަނީއެއް ހޯދުމަށް ބަދިގެއަށް ވަނުމަކީ ނުވަތަ ކެއްކުމުގެ ދާއިރާއަށް ވަނުމަކީ އައިމިނަތު ދުވަހަކު ވެސް ދުށް ހުވަފެނެއް ނޫނެވެ. މަތީ ސާނަވީ ސްކޫލު ނިންމުމަށްފަހު އޭނާ ބޭނުންވީ އެކައުންޓަންޓަކަށް ވުމަށެވެ. އެކަމަށް ކިޔަވަން ވެސް ފެށި އެވެ. ނަމަވެސް ކަންތައް ދިމާވި ގޮތުން އޭނާއަށް ޖެހުނީ އެ ހުވަފެން ހަގީގަތަކަށް ވުމުގެ ކުރިން އަތް ދޫކޮށްލާށެވެ.
"އަސްލު ބޭނުންވީ އެކައުންޓަންޓަކަށް ވާން. ކިޔަަވަން ވެސް ފެށިން. އެކަމަކު އެކަން ކުރިއަށް ގެންދެވޭ ގޮތް ނުވީ،" އާމިނަތު ބުންޏެވެ.
އެއީ 2014 ވަނަ އަހަރެވެ. މާލޭގައި ކޭކު ކޯސްތައް ހިންގާ ފަރާތަކުން ބޭއްވި ކޭކް ޑެކަރޭޓިން ކޯހެއްގައި އާމިނަތު ބައިވެރިވީ އެކަމަށް ހިތްޖެހޭނެ ކަމަށް ހީކޮށްގެންނެއް ނޫނެވެ. އެހެން ނަމަވެސް އެ ކޯހުން ލިބުނު ތަމްރީނުގެ އަލީގައި އޭނާ ދިޔައީ ކޭކް އަޅައި ކޮންމެ ވެސް ވަރަކަށް ވިޔަފާރި ވެސް ކުރަމުންނެވެ.
ދުވަސްތައް އެގޮތުގައި ދަނިކޮށް އައިމިނަތުއަށް ލިބުނީ ޓީވީން ދުރަށް ދެއްކި ކެއްކުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. އެ ޕްރޮގްރާމަށް ބޭނުންކުރި ޔުނީފޯމްވީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ޔުނީފޯމަކަށެވެ. އެ ޔުނީފޯމަށް ހިތްޖެހި އެ މަސައްކަަތަށް ވެސް ހިތް ލެނބުނީ އެވެ.
"އެ ޔުނީފޯމް ލެވުނީމަ ވަރަށް ހިތްހަމަ ޖެހުނު. ހިތަށް އެރި މިއީއޭ ކުރިއަށް ދާންވީ ރޮނގަކީ،" އާމިނަތު ބުންޏެވެ.
އެހެން ނަމަވެސް ކަލިނަރީ ދާއިރާއަށް ވަނުމަކީ އޭނާއަށް އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. މުޖުތަމައުގެ ގަބޫލުކުރުންތަކާއި ހިތްވަރު އެލޭ ފަދަ ބަސްތަކެއް އެތައް ބައެއްގެ ފަރާތުން ކުރިމަތިވި ނަމަވެސް އޭނާ އަޒުމު ކަނޑައެޅީ މިކަމުން ދެވުނު އެންމެ ދުރަކަށް ދާށެވެ.
"ބައެއް މީހުން ބުނި ތިއީ ވަރަށް ފިރިހެން ވަންތަ ފިރިހެނުން ކުރާ ކަމެކޭ. އެކަމަކު އެ ވާހަކަތަކަށް ސަމާލު ކަމެއް ނުދެން،" އާމިނަތު ބުންޏެވެ.
އޭގެ ފަހުން ލަންކާއިންނާއި އޮސްޓްރޭލިއާއިން ވެސް އައިމިނަތު ވަނީ ކަލިނަރީ ތަމްރީނާއި ތަޖުރިބާ ހޯދާފަ އެވެ. މާލެ އައުމަށްފަހު ރާއްޖޭގެ މަޝްހޫރު ތިން ރިސޯޓެއްގައި މިހާތަނަށް މަސައްކަތް ކޮށްފައިވެ އެވެ.
އައިމިނަތު ބުނާ ގޮތުގައި ރިސޯޓު ދާއިރާއަކީ އަންހެނުންނަށް ވެސް ހަމަ އެންމެ ރަނގަޅު ދާއިރާއެކެވެ. ހިތްވަރާއި ގަދަ އަޒުމާއެކު ލަނޑުދަނޑިއެއް އޮވެގެން މަސައްކަތް ކޮށްފި ނަމަ އެއީ ބޮޑު އާމްދަނީއެއް ވެސް ހޯދޭނެ ދާއިރާއެއް ކަމަށް އޭނާ ބުންޏެވެ.
މިވަގުތު ދަ ރިޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސްގެ ޖޫނިއާ ސޫ ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ އައިމިނަތު އަކީ އެ ރިސޯޓުގެ ޕޭސްޓްރީ ކިޗަންގައި މަސައްކަތްކުރާ ހަމައެކަނި ދިވެއްސެވެ. އެހެން ޝެފުންގެ އެއްބާރުލުމާއެކު އާމިނަތު އަންނަނީ އެ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ހިތްތައް އަތުލަމުންނެވެ.
އައިމިނަތުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ފެންނާނެ އެއް ތަނަކީ "މޯލްޑިވިއަން ޕެޓިސިއާ"ގެ ނަމުގައި އޭނާ ހިންގަމުން އަންނަ އިންސްޓަގްރާމް ޕޭޖެވެ. ވިޔަފާރިއެއްގެ ގޮތުގައި އެކަން މިވަގުތު ކުރަމުން ނުދިޔަ ނަމަވެސް އައިމިނަތުގެ ފުރިހަމަ މަސައްކަތްތައް އެ ޕޭޖުން ވަރަށް ރީއްޗަށް ފެނެ އެވެ.
"ލިބޭ ޗުއްޓީތަކުގަ ކޮންމެ ވެސް ވަރަކަށް ވިޔަފާރީގެ ގޮތުގަ މިކަން ކުރަން، އެހެންނޫނީ އެ ޕޭޖަކީ މިހާރު ކުރަމުންދާ މަސައްކަތްތައް ދައްކާލާ ޕޭޖެއް،" އައިމިނަތުގެ ބުންޏެވެ.
އައިމިނަތުގެ ކެއްކުމުގައި އޭނާ އެންމެ އިސްކަމެއް ދޭ އެއްކަމަކީ އިންޓަނޭނަޝަނަލް ކުއިޒިންއާއި ދިވެހި ރަހަތަކުގެ ފިއުޝަންއެއް ހުށައަޅައި ދިނުން ކަމަށާއި ރިސޯޓުގައި ބާއްވާ "މޯލްޑިވިއަން" ތީމްގެ ޑިނާ ނައިޓްތަކަށް ވަރަށް ބޮޑު ތަރުހީބެއް މިހާރު ވެސް ލިބެމުން އަންނަ ކަމަށް އޭނާ ބުނެ އެވެ.
މި ދާއިރާގައި ދިހަ އަހަރު ވާން ގާތްވެފައިވާއިރު ކުރިމަތިވި ގޮންޖެހުން ތަކެއް ވެސް އެބަހުރި ކަމަށް އައިމިނަތުގެ ބުނެ އެވެ. އެގޮތުން މުޖުތަމައުގެ ބޯދާ ގަބޫލު ކުރުންތައް ވީ އޭނާއަށް ކުރިމަތިވި އެންމެ ފުރަތަމަ ގޮންޖެހުމަށެވެ. އެއަށްފަހު ދާއިރާއަށް ކުރިމަތިލުމާއެކު އުޅެން ޖެހުނު ބުރަ ދިރިއުޅުމަކީ ވެސް އޭނާއަށް "ޗެލެންޖް"އަކަށްވި ކަމެކެވެ.
"ފެށިގެން އައިއިރު ވަރަށް ގިނައިރު ވަންދެން މަސައްކަތުގައި އުޅެން ޖެހުނު. ހިތަށް އެރި މިއީ ވާނެ ކަމެއް ބާއޭ. އެކަމަކު ފަހުން އެކަމަށް އާދަ ވެއްޖެ،" އާމިނަތު ބުންޏެވެ.
އަމިއްލަ މީހާގެ ހުނަރުތައް ކުރިއެރުވުގެ އިތުރުން އައިމިނަތު އަންނަނީ މި ދާއިރާއަށް ވަންނަން ބޭނުންވާ ގިނަ ބަޔަކަށް އެ ފުރުސަތު ވެސް ފަހިކޮށް ދެމުންނެވެ. މިހާތަނަށް ވެސް 80 ދަރިވަރަކަށް ކޭކް ޑިކަރޭޓިންގެ އެކި ކޯސްތައް ނަގައިދީފައިވާއިރު، އަވަސް މުސްތަގްބަލެއްގައި އޭނާގެ މިރާ ގުލޭޒިން ކޯހެއް ފެށޭނެ ކަމަށް ވެސް އާމިނަތު ބުންޏެވެ.
ބައިނަލްއަގްވާމީ ކަލިނަރީގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް މިހާތަނަށް އާމިނަތަށް ލިބިފައިވެ އެވެ.
އެގޮތުން ލިބިފައިވާ ބައެއް ކާމިޔާބީތައް:
- ރަން މެޑަލް - 17 ވަނަ ސިއޯލް އިންޓަނޭޝަނަލް ބޭކަރީ ކޮންޓެސްޓް 2015 (ދެކުނު ކޮރެއާ)
- ސެޓިފިކެޓް އޮފް އެކްސަލަންސް - ޝެފްސް ސްކޫލް 2016 (ސްރީލަންކާ)
- ފަސްޓް ރަަނަރަޕް - ހިލްޓަން ސައުތު އީސްޓް އޭޝިއާ އެފް އެން ބީ މާސްޓާސް ޑެސާޓް ޗެލެންޖް ކަންޓްރީ ލެވެލް 2017 (ސްރީލަންކާ)
- ފަސްޓް ޕްލޭސް - ހިލްޓަން ސައުތު އީސްޓް އޭޝިއާ އެފް އެން ބީ މާސްޓާސް ޑެސާޓް ޗެލެންޖް ހޮޓެލް 2017 (ދިވެހި ރާއްޖެ)
- ރަން މެޑަލް - ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2017 (ދިވެހި ރާއްޖެ)
- މޯސްޓް ޕްރޮމިސިންގް ޓެލެންޓް އެވޯޑް - އޭޝިއަން ޕޭސްޓްރީ ކަޕް 2018 (ސިންގަޕޯ)
އައިމިނަތު ހުރީ މިހާ ހިސާބުން ހުއްޓާލާކަށް ނޫނެވެ. ރާއްޖޭގެ ކަލިނަރީ ދާއިރާގައި 8 އަހަރު މަސައްކަތް ކުރުމަށްފަހު މިހާރު އޭނާގެ މިސްރާބު ހުރީ ރާއްޖެއިން ބޭރަަށެވެ. ރާއްޖެއިން ބޭރުގެ ކަލިނަރީ ދާއިރާގައި ތަޖުރިބާ ހޯދުމަކީ މިހާރު އައިމިނަތުގެ އެންމެ ބޮޑު ހުވަފެނެވެ.
"ވަރަށް ބޭނުން ރާއްޖެއިން ބޭރުން ތަޖުރިބާ ހޯދަން. އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ރާއްޖެއިން ބޭރަށް ދާނަން،" އައިމިނަތު ބުންޏެވެ.
މިހާ ހިސާބަށް އާދެވުނު އިރު އާމިނަތުގެ ދަތުރުގައި އޭނާއަށް އެހީތެރިވެ އެއްބާރުލުން ދިން އެތައް ބަޔަކުވެ އެެެވެ. އެގޮތުން ފެށުނީއްސުރެ އޭނާގެ ފަހަތުގައި ހިތްވަރު ދޭން ހުރި އޭނާގެ ބައްޕަގެ ނަން އާމިނަތު ފާހަގަކުރީ ޝުކުރުވެރިކަމާ އެކުގަ އެވެ.
"ބައްޕަގެ އިތުރުން ޝެފް ހަރްޕަލް، ޝެފް ބަތިޔާ، ޝެފް އަރުން އަދި އެފް އެން ބީ ޑިރެކްޓަރު މިސްޓަ ޑޭންގެ ނަން ފާހަގަ ކޮށްލަން ބޭނުން،" އާމިނަތު ބުންޏެވެ.
މި ރޮނގުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އާމިނަތު ދޭން ބޭނުންވި މެސެޖަކީ ހިތްވަރާއި ރަނގަޅު އަޚުލާގާއެކު ލަނޑުދަނޑިއެއް އޮވެގެން ކުރިއަށް ދާން މަސައްކަތްކުރުމުން ކާމިޔާބު ވާނެކަމެވެ. އައިމިނަތު އަންނަނީ އެކަން ސާބިތުކޮށްދެމުންނެވެ.