ކަރަން ޖޯހަރްގެ ނަން ބުނުމުން އެއީ ކާކުކަން ނޭނގޭނެ ބަޔަކު މަދުވާނެ އެވެ. އޭނާ ވަނީ އޭނާގެ އުފައްދުންތެރިކަމުގެ ހުނަރުވެރިކަން ދައްކާލައި ގިނަ ބައެއްގެ ހިތް ފަތަހަކޮށްފަ އެވެ.
ހަމަ އެހެންމެ އޭނާ މިހާތަނަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ނެރެފައިވާ ފިލްމުތަކަކީ ގިނަ ޒަމާންތަކަކަށް ބޮލީވުޑް ތާރީހުގައި ލިޔެވިފައިވާ ހަނދާނީ ފިލްމުތަކަކަށް ވެފައިވާކަމަށް ބުނުމުންވެސް ގޯހަކަށް ނުވެ އެވެ.
ކަރަންގެ ފިލްމުތަކުގެ އިތުރުންވެސް އޭނާގެ އަމިއްލަ ޝޯއެއް ކަމަށްވާ "ކޮފީ ވިތް ކަރަން" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝޯއެކެވެ. އެ ޝޯގައި ބޮލީވުޑްގެ ފުންނާބު އުސް ފަންނާނުން އިން ފެށިގެން އަލަށް އިންޑަސްޓްރީއަށް ނިކުންނަ ފަންނާނުންގެ އިންޓަވިއުތައް ގެނެސްދީފައިވެ އެވެ.
އެގޮތުން ކަރަންގެ ޝޯއާ ދޭތެރޭ އޭނާ އެންމެ ބޮޑަށް އުފާވާ އެއް ކަމަކީ، ޝޯގެ ސަބަބުން ބައެއް ތަރިން، އެހެން ތަރިންނަށް އޮންނަ ލޯބީގެ އިހުސާސްތައް ހާމަކުރުމުގެ ސަބަބުން ތަރިންގެ މެދުގައި ގުޅުން އުފެދި، އެ ތަރިން ޖޯޑަކަށް ވުމެވެ.
މި ލިސްޓުގައި ފިލްމު އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިން ހިމެނެ އެވެ. އެގޮތުން ފަހަކަށް އައިސް ބޮލީވުޑްގައި ފިޔަ ޖަހަމުންދާ ކާތިކް އާރްޔަން އާއި ސާރާ އަލީ ޚާން ވެސް ލޯބީގެ ގޮތުން ގުޅުމަށް ބޭނުންވާކަމަށް ކަރަންގެ ޝޯގައި ސާރާ ބުނެފައިވެ އެވެ. އޭގެ ފަހުން އެދެތަރިންގެ މެދުގައި ގާތް ގުޅުމެއް ފޭނުންނަށް ފާހަގަވެފައިވެ އެވެ.
އޭގެ އިތުރުން މަޝްހޫރު ތަރި ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލްވެސް ލޯބީގެ ގޮތުން ގުޅުމަށް މެދުވެރިވެފައިވަނީ ކެޓްރީނާ، ކަރަންގެ ޝޯގައި ވާހަކަ ދައްކަމުން ވިކީއަށް ލޯބި ހުށަހެޅުމުންނެވެ. އަދި އާލިޔާ ބާޓް އާއި ރަންބީރު ކަޕޫރުވެސް ގުޅެން މެދުވެރިވެފައި ވަނީ ކަރަންގެ ޝޯގެ ސަބަބުން ކަމަށްވެ އެވެ.
މިކަމާއި ކަރަންއަށް ގިނަ ބަޔަކު ތައުރީފު ކުރާކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި ތަރިން ލޯބީގެ ގޮތުން ގުޅުމަށް މެދުވެރިއަކަށް ވީތީ އޭނާ އުފާ ކުރާކަމަށް ކަރަން ބުނެފައިވެ އެވެ.