ގައިދީންނަށް އަމާޒުކޮށް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އެ ސެންޓަރުތަކުގެ މަސައްކަތް ނިމުމުން އިތުރު ޕްރޮގްރާމްތައް ޖަލުގައި ކުރިއަށް ގެންދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ "ސޭފް އެންޑް ސެކިޔޯ އެޕްރޯޗަސް ޓު އިފެކްޓިވް ރިހެބިލިޓޭޝަން އެންޑް ވޮކޭޝަނަލް ޓްރޭނިންގ" ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގަ އެވެ.

ސީޕީ އަޙްމަދު ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތްތައް ނިމުމުން މިހާރަށްވުރެ ގިނަ ގައިދީން ޕްރޮގްރާމްތަކުގައި ބައިވެރިކުރެވޭނެ ކަމަށެވެ. އަދި ރިހެބިލިޓޭޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކޮށް އިތުރު ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެވޭނެކަން ސީޕީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިހާރު ކުރިއަށްގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޖުވެނައިލް އަދި ސެކްސް އޮފެންޑަރ ފަދަ އެކި ދާއިރާތަކުން ޕްރޮގްރާމްތައް މިހާރު ފަރުމާ ކުރެވެމުންދާކަމަށް ސީޕީ ފާހަގަކުރެއްވި އެވެ. އަދި ކިޔަވާ އެއްޗެއްގެ ބޭނުން ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

05 ދުވަހަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 14 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ.