ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގެންފި އެވެ.
ލަންކާގެ ރައްޔިތުންނާ ފިއްލަވައިގެން އަސްކަރީ ބޯޓެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު އެއް ދުވަސް ރާއްޖޭގައި މަޑުކުރެއްވުމަށް ފަހު ގޯޓަބަޔަ ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު 11:30 ގައި ސައުދީ އެއާލައިންގެ ފްލައިޓަކުންނެވެ.
އެއާޕޯޓުން ގޯޓަބަޔައަށް އަލްވަދާއު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ގެނައުމަށް ވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.
ގޮޓާބަޔަ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރި އެވެ. ސައުދީ އެއާލައިން ދަތުރު ކުރަނީ މާލެ އިން ސިންގަޕޫރަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް ސިންގަޕޫރުން ވަނީ ހިމާޔަތް ދީފަ އެވެ.
ގޯޓަބަޔާ ރާއްޖެއަށް ދަތުރުކުރެއްވި ފުލައިޓަށް ބޭނުންވާ ޑިޕްލޮމެޓިކް އަދި މިލިޓަރީ ކްލިއަރެންސް ދިން ގޮތާ ގުޅޭ ގޮތުންނާއި އޭނާ ފިއްލަވާވަޑައިގަތުމުގައި ސަރުކާރުން އެހީތެރިވި ގޮތާ ގުޅިގެން މީޑިއާއިން ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާ ކުރި އެއްވެސް ސުވާލަކަށް މިހާތަނަށް އެއިން އެއްވެސް އިދާރާއަކުން ޖަވާބުނުދެ އެވެ.
ގޯޓަބަޔަ ލަންކާއިން ފިއްލެވީ ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ތަދުމަނޑުކަމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ހުއްޓުމެއް ނެތި އިހުތިޖާޖުކުރާތާ އެތައް މަހެއް ފާއިތުވީ ފަހުންނެވެ. ލަންކާ ރައްޔިތުން ވަނީ ހޮނިހިރު ދުވަހުގައި އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެފަ އެވެ.
ރިޔާސީ ގަނޑުވަރަށް ގިނަ އަދަދެއްގެ އާންމުން ވަނުމުގެ ކުރިން ގަނޑުވަރު ދޫކުރައްވައި ރައްކާތެރި ތަނަކަށް ވަޑައިގަތުމަށްފަހު ގޯޓަބަޔަ ވަނީ އިއްޔެ މަގާމުން އިސްތިއުފާދެއްވާނެކަން ހާމަކުރައްވާފަ އެވެ. ނަމަވެސް މިހާތަނަށް އޭނާ މަގާމުން އިސްތިއުފާ ނުދެއްވަ އެވެ.
ލަންކާ ރައްޔިތުންގެ ނުރުހުން ގޯޓަބަޔާއަށް އަމާޒުވެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އޭނާ ފިލާވަޑައިގަތުމުގައި ދިވެހި ސަރުކާރުން އެހީތެރިވެފައިވާތީ ލަންކާ ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން ދިވެހި ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.
ގައުމު ދޫކުރައްވާ ވަޑައިގަތުމުން ވަގުތީ ރައީސެއްގެ ގޮތުގައި ރައީސްގެ ހުރިހާ ބާރުތަކެއް ބޮޑުވަޒީރު ރަނިލްއާ ވަނީ ހަވާލު ކުރައްވާފަ އެވެ. އެކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ.