ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބައެއް އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރިއިރު، މުވައްޒަފުންނަށް ހިމާޔަތް ލިބޭ ގޮތަށް ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވި އެއްވެސް އިސްލާހެއް ފާސް ނުކޮށް މަޖިލިސް ނިންމާލައިފި އެވެ.
މެމްބަރު އަލީ ހުސެއިން ވިދާޅުވެފައި ވަނީ އެ އިސްލާހުތައް ހުށަހެޅުއްވީ ނޯޓިސްދިފައި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށާއި ވަޒީފާގައި ބައިތިއްބަން ޖެހޭ ދިވެހިންގެ ނިސްބަތް ދެ އަހަރު ދުވަހުގެ ތެރޭގައި 60 ޕަސެންޓަށް އިތުރުކުރަން ލާޒިމްކުރުމަށް ކަމަށެވެ.
އެ ގާނޫނަށް 8 އިސްލާހެއް ގެންނަން އޭނާ ހުށަހެޅުއްވި އެވެ. އެގޮތުން 13 ވަނަ މާއްދާގެ ވ.ގެ ފަހަތަށް އިތުރުކުރަން ހުށަހެޅުއްވީ މ. މި މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ އެފަދަ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި މެނުވީ އެފަދަ އެއްބަސްވުމެއް ނުވަތަ ލިޔުމެއް ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.
އަލީ ހުސެއިން ވަނީ އެ ގާނޫނުގެ 21 ވަނަ މާއްދާގެ ށ. ގެ ފަހަތަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ނ. އަދި ރ. އުނިކުރުމާއި 42 ވަނަ މާއްދާގެ ނ. އުނިކުރުމަށް ވެސް ހުށަހަޅައިފަ އެވެ. މީގެ އިތުރުން 59 ވަނަ މާއްދާ އިސްލާހުކުރަން އޭނާ ހުށަހެޅުއްވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާ ދޭން ވާނެ ކަމަށެވެ. އަދި އެ ދޭ ލަފާގައި ސިނާއަތްތައް ވަކިވަކިން މިނިމަމް ވޭޖް ކަނޑައެޅުމަށް ބޯޑަށް ފެންނަ ނަމަ އެކަން ތަފުސީލްކޮށް ބަޔާންކުރަންވާނެ ކަމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ ޅ. އުނިކުރަން ހުށަހަޅައި 74 ވަނަ މާއްދާގެ ނ. އިސްލާހުކުރަން ވެސް އަލީ ހުސެއިން ހުށަހެޅުއްވި އެވެ. އެ މާއްދާ އިސްލާހުކުރަން ހުށަހެޅުއްވީ ރިސޯޓްތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ 60 ޕަސެންޓް މީހުންނަކީ ދިވެހިން ކަމަށް ހެދުމަށެވެ.
އަލީ ހުސެއިން ވަނީ އެ ގާނޫނުގެ 1-74ގެ ރ. ވެސް އިސްލާހުކުރަން ހުށަހަޅައިފަ އެވެ. އެ އިސްލާހުގައި ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ އެންމެ ލަސްވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ށ. އަދި ނ. އަމަލުކުރަންވާނެ ކަމަށެވެ.
އޭނާ ހުށަހެޅުއްވި އެ އިސްލާހުތައް ފާސްނުކުރުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ ރައްޔިތުންނަށް ރަނގަޅަށް ކަމެއް ވާން އޮތިއްޔާ އެ އިސްލާހެއް ފާސްނުކުރާނެ ކަމަށެވެ.
މަޖިލީހުން މިއަދު ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޭގަނޑު އެނބުރި ރަށަށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ފާސްކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަންދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.
"މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ މަސައްކަތް ކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ." އެ އިސްލާހުގައި ބުނެފައިވެ އެވެ.
މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ އިސްލާހުގައި ވަނީ ވަޒީފާއަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހުރިހާ އިސްލާހުތަކާއެކު މިއަދުގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ. މުޅި ބިލު ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާއެކު އެވެ.