ހުޅުމާލޭގެ ރެހެންދި ސްކޫލުގެ ޕީޓީއޭއިން "ރެހެންދި ސޭލް" ގެ ނަމުގައި އިންތިޒާމްކޮށްގެން ބޭއްވި އިވެންޓެއްގައި ޖިންސީ ކަންކަމަށް ހިތްވަރުދޭ ގޮތަށް އަދި އާންމު މިންގަނޑަށް ނުފެތޭ ގޮތަށް ބެހެއްޓި މެނޫގެ މައްސަލަ ހޫނުވުމުން، އެ ސްކޫލުން އެކަމަށް މާފަށް އެދިއްޖެ އެވެ.
ސޯޝަލް މީޑިއާގައި އެ މެނޫ އާންމުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ރެހެންދި ސްކޫލުން ބުނީ، އެ ސޭލްގައި ވިއްކި ބުއިންތަކަކަށް އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނަން ދީފައި ވަނީ އެ ސްކޫލަށް އެނގިގެން ނޫން ކަމަށާއި، އެކަމަށް މައާފަށް އެދޭ ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދާ ސޭލްގެ ކެންޓީންގެ ކައިރީގައި ރޭގައި ބަހައްޓާފައި ހުރި މެނޫ ބޯޑުގައިވާ އިބާރާތްތަކަކީ ސްކޫލެއްގެ ތެރޭގައި ބެހެއްޓުން އެންމެ ރަނގަޅު އިބާރާތްތަކެއް އެކުލެވޭ ބޯޑެއް ނޫން ކަމަށް ސްކޫލުން ވެސް ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
"އެކަން ކުރި ބަޔަކު އެކަން ކޮށްފައި ވަނީ އެއީ އިންޓަނޭޝަނަލް މެނޫތަކަކަށްވާތީ މާ ބޮޑު ވިސްނުމެއް ނެތި ކަމަށް ސްކޫލަށް ވަނީ މައުލޫމާތު ދީފައި،" ރެހެންދި ސްކޫލުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ސްކޫލުން ބުނީ އެކަން އެނގުނު ހިސާބުން ސްކޫލުގެ ޕީޓީއޭގެ އިންތިޒާމު ކޮމިޓީން އެ ބޯޑު ނަގައި އެކަން ނުކުރުމަށް އަންގައިފައިވާ ކަމަށެވެ.
"މި ސޭލްގެ ހިންގާ ގަވާއިދުގެ 5 ވަނަ ނަމްބަރުގެ ހ. ގައިވާ ގޮތުން އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ އެެއްވެސް އެއްޗެއް މި ސޭލްގައި ވިއްކައިން ނުވާނެ ކަމަށް ހުރިހާ އެންމެނަށް އެންގި އެވެ. އަދި އެފަދަ އިބާރާތެއް އިޝްތިހާރުތަކުގައި ބޭނުންނުކުރުމަށް ވެސް އެންގިފައިވޭ،" ސްކޫލުން ބުންޏެވެ.
އިޖުތިމާއީ މިންގަނޑާ ހިލާފު ނަންތަކެއް ދީފައިވާ މޮކްޓެއިލް ބުއިންތަކެއް އިޝްތިހާރު ކުރުމަށް ސްޓޯލް ކައިރީގައި ބަހައްޓާފައި ހުރި ބޯޑުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބަޔަކު ވަނީ ސްކޫލަށް ފާޑުކިޔައިފަ އެވެ.
ސޯޝަލް މިޑިއާގައި ވެސް އާންމުވެފައިވާ އެ މެނޫ އިޝްތިހާރުގައި "ޑްރިންކްސް" ގެ ގޮތުގައި ހަ ނަމެއް ހިމަނާފައި އިން އިރު އޭގައި އިން ތިން ނަމަކީ އާންމު މިންގަނޑަށް ނުފެތޭ ނަންތަކެވެ.
މާފަށް އެދުމުން ނުފުދޭ. އެކަންކުރި ބައެއްގެ މައްޗަށް ތަހުޤީޤު ހިންގައި އެބައަކަށް އަދަބު ދެވެން ޖެހޭ