އއ. ތޮއްޑޫގެ ދާގަބާ ސަރަހައްދު މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ނިންމައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ ސަރަހައްދު މިއުޒިއަމަކަށް ހެދުމަށްޓަކައި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދޭ މަޢުލޫމާތާ އެއްގޮތަށް ހެދުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިނާއި، ތަފްސީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން މި މަސައްކަތް ކުރުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައި ވާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުން މި މަހުގެ 25 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި ބިޑް ހުށަހެޅުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މިފަދައިން ހަދާފައިވާ އާސާރީ ތަންތަނަކީ މީގެ އެތައް އަހަރުތަކެއް ކުރިން ރާއްޖޭގައި ދިރިއުޅުނު މީހުން އަޅުކަން ކުރުމަށް ހަދާފައި ހުންނަ ތަންތަނެވެ.