މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 90 މައްސަލައެއްގައި ދައުވާކޮށްފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 90 މައްސަލައެއްގައި އެ އޮފީހުން ދައުވާ ކޮށްފައިވާއިރު ދައުލަތަށް ރައްދުވާ ދައުވާތަކުގެ އަދަދަކީ 93 އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ބަންޑާރަ ނައިބުގެ އޮފީހުން އެންމެ ގިނައިން ދައުވާ ކޮށްފައިވަނީ އާއިލީ މަސްލަތަކުގަ އެވެ. އެގޮތުން ފެމެލީ ކޯޓަށް 38 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ސިވިލް ކޯޓަށް 33 މައްސަލައެއްގައި ދައުވާ ކުރަން ހުށަހެޅިއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް އަށް މައްސަލަ އަދި ހައިކޯޓަށް ނުވަ މައްސަލާގައި ދައުވަ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. މި މުއްދަތުގައި ސްޕްރީމް ކޯޓަށް ވެސް ދެ މައްސަލައެއްގައި ދައުވާ ކުރުމަށް ބަންޑާރަ ނައިބު އޮފީހުން ވަނީ ހުށަހަޅާފަ އެވެ.

ބަންޑާރަ ނައިބު އޮފީހަށް ދައުވާ ލިބޭ 93 މައްސަލަގައިގެ ތެރޭގައި ހިމެނެނީ، ސިވިލް ކޯޓުގެ 48 މައްސަލައަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ 22 މައްސަލައަކާއި، ހައިކޯޓުގެ 13 މައްސަލައަކާއި، ސްޕްރީމް ކޯޓުގެ އަށް މައްސަލަ އެވެ. ދެން ހިމެނޭ ދެ މައްސަލައަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި، އާބިޓްރޭޝަން ސެންޓަރުގެ މައްސަލައެކެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތުން ވަނީ 77 ފަރާތަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެތެރެއިން ދަޢުލަތުން އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ޖިނާއީ އެކި ކުށްތަކުގައި، 40 ކުއްޖަކަށް ވަނީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 428 މައްސަލާގައި އޭޖީ އޮފީހުން ވަނީ ގާނޫނީ ލަފާ ދީފަ އެވެ.