ކަލާޒް ޓީވީގެ މަގުބޫލު ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ"ގެ 10 ވަނަ ސީޒަން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަންނަ ސެޕްޓެމްބަރު މަހު ދެއްކުމަށް ހަމަޖެހިފައިވާ މިޝޯގެ ތިން ޖަޖަކު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި ވެސް ޖަޖެއްގެ ގޮތުގައި މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓާއި ޑައިރެކްޓަރު ކަރަން ޖޯހަރްގެ އިތުރުން ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ވަރުގަދަ އަންހެން ނެށުންތެރިޔާ ނޯރާ ފަތުހީ ބައިވެރިވާނެ އެވެ.

ނޯރާ އަކީ އާދީއްތަ ދުވަހުގެ ރޭ ކަލާޒް އިން ނިންމާލި "ޑާންސް ދިވާނީ ޖޫނިއާ" ގެ ފުރަތަމަ ސީޒަންގެ ވެސް ޖަޖެކެވެ. މަދޫރީ އަކީ މިހާތަނަށް ތިން ސީޒަނެއް ގެނެސްދިން "ޑާންސް ދިވާނީ" ގެ ޖަޖެކެވެ.

"ޖަލަކް ދިކްލާ ޖާ" ގެ 10 ވަނަ ސީޒަން ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މި ޝޯގެ 9 ވަނަ ސީޒަން ގެނެސްދިނީ 2017 ގަ އެވެ.

މަނީޝް ޕޯލް ހޯސްޓްކޮށް ޖެކްލީން ފަރްނާންޑޭޒް، ކަރަން ޖޯހަރް، ގަނޭޝް ހެގްޑޭ، އަދި ފަރާ ޚާން ޖަޖުކޮށްދިން މި ޝޯ ކާމިޔާބުކުރީ ނޭޕާލްގެ މަޝްހޫރު ނެށުންތެރިއެއް ކަމަށްވާ ޓެރިޔާ ފުންޖާ މަގަރެވެ.

"ޖަލަކް ދިކްލާ ޖާ 10" ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕްރީމިއާކުރާ ގޮތަށް އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީޒަން 10 އާއެކު އެނބުރި އަންނައިރު، މި ސީޒަނަށް ވާދަވެރިންގެ ގޮތުގައި ޓީވީގެ މަޝްހޫރު ބައެއް ފަންނާނުން ފެނިގެންދާނެ އެވެ

"ޖަލަކް ދިކްލާ ޖާ" އަކީ 2006 ގައި ގެނެސްދޭން ފެށި ޝޯއެކެވެ. މި ޝޯ 2006-2011 އަށް ގެނެސްދިނީ ސޮނީ ޓީވީންނެވެ. ކަލާޒް އަށް ޝޯ ބަދަލުވީ 2012 ގަ އެވެ.