ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގެ ތަރި، ސުޝްމިތާ ސެން އާއި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރު ލަލިތް މޯދީއާ ލޯބީގެ ގޮތުން ގުޅުނު ހަބަރަކީ ފަހަކަށް އައިސް އިންޑިއާގައި އެންމެ ގިނައިން ދެކެވިފައިވާ އެއް ވާހަކަ އެކެވެ.
ސުޝްމިތާ، އޭނާގެ އުމުރަށް ވުރެ އެތައް ގުނަ ބޮޑު މީހަކާ ލޯބީގެ ގޮތުން ގުޅުން ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ. އެދެމީހުން ރައްޓެހިވެގެން އުޅޭކަން އިއުލާނުކޮށްފައިވަނީ ލަލިތް ކޮށްފައިވާ ޓްވީޓެއްގަ އެވެ.
ގިނަ ބަޔަކު ސުޝްމީތާ އާއި ލަލިތްގެ ގުޅުމަށް ވަނީ ފާޑުކިޔާފަ އެވެ. އެހެން ނަމަވެސް މިކަމާ ސުޝްމީތާގެ ކުރީގެ ލޯބިވެރިޔާ ރޮހްމަން ޝޯލް ދީފައިވަނީ އާންމުން ހީނުކުރާނެ ފަދަ ޖަވާބެކެވެ.
އެގޮތުން ދެމީހަކު އެކީގައި ލޯބިން އުޅެން ބޭނުންވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމުގައި އޭނާ ބުނެފައިވެ އެވެ. މީހަކަށް މަލާމަތް ކުރަން ބޭނުންވާނަމަ، ކުރާނެ ވަރަކަށް މަލާމާތް ކުރަންވީ ކަމަށާއި، އެކަމުން ސުޝްމީތާއާ އޭނާގެ ލޯބިވެރިއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރޮހްމާން ބުނެފައިވެ އެވެ. އަދި އެކަމާ ކަންބޮޑުވެގެން އުޅެނީ ފާޑުކިޔާ މީހުން ކަމުގައި އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ސްޓޯރީއެއްގައި ބުނެފައިވެ އެވެ.
ސުޝްމީތާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރޯމަން ޝޯލް އާ އެންމެ ފުރަތަމަ ދިމާވެފައި ވަނީ 2018 ވަނަ އަހަރު ފެޝެން ޝޯއެއްގެ ތެރެއިންނެވެ. އެއަށްފަހު ތިން އަހަރު ދުވަހު އެކީގައި އުޅުމަށްފަހު ކައިވެނިކުރަން ތައްޔާރުވި ނަމަވެސް އެ ދެެމީހުން ވަނީ ދެމީހުންގެ ގުޅުން އެއްކޮށް ނިންމާލާފަ އެވެ.
އެދެ މީހުން ރުޅިވާން ޖެހުނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސުޝްމީތާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ސުޝްމީތާ ވަނީ، އެދެ މީހުންގެ ލޯބީގެ ގުޅުން ކެނޑުނު ނަމަވެސް، އަބަދުމެ އަބަދަށް އެދެ މީހުން ރަހުމަތްތެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ބުނެފަ އެވެ.
ސުޝްމިތާގެ ލޯބީގެ ހަޔާތާއި ގުޅޭގޮތުން ގިނަ ބަޔަކު ވާހަކަތައް ދައްކަމުންދާއިރު، ގިނަ މީހުން އެންމެ ފާޑުކިޔަނީ، އޭނާ އެއްވެސް މީހަކާއެކު ދިގު މުއްދަތަކަށް ނޫޅުވޭތީ އެވެ. މިގޮތުން ލަލިތް އަކީ ސުޝްމިތާ ލޯބީގެ ގޮތުން ގުޅުނު 12 ވަނަ މީހާ އެވެ.