ބަންގްލަދޭޝްގައި ތައުލީމު ހާސިލްކުރަމުން ދަނިކޮށް މަރުވި ޒުވާން ދިވެހި ދަރިވަރު، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން އެގައުމުގެ ޕޮލިހުންނަށް އަމުރުކޮށްފި އެވެ.

ބަންގްލަދޭޝްގެ ކޮލެޖެއް ކަމަށްވާ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް ރައުދާ މަރުވީ، 2017 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހެވެ. ރައުދާ މަރުވެފައި އޮއްވައި ފެނުނީ، އޭނާ ދިރިއުޅޭ ހޮސްޓެލްގެ ކޮޓަރީގަ އެވެ.

އެ މައްސަލަ ބެލި ފުލުހުންގެ ތަހުގީގުން އެނގޭ ގޮތުގައި އޭނާ މަރުވީ، ދަންޖެހިގެންކަމަށް ނިންމާފައިވެ އެވެ. އަދި ރައުދާ ވަޅުލުމަށްފަހުވެސް އޭނާގެ ގަބުރު ނަގައި، ދެ ފަހަރަށް ޕޯސްމޯޓަމް ހެދި ހެދުމުގައިވެސް ރައުދާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށް ނިންމާފައިވެ އެވެ. ނަމަވެސް އެކަންވީ އެހެން ނޫންކަމަށާއި، އެހެން ބަޔަކު ވަނީ ރައުދާ މަރާލާފައި ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރެ އެވެ.

މި މައްސަލަ އަލުން ތަހުގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެފަދައިން އަމުރުކުރީ އެ މައްސަލަ ބަލައިދިނުމަށް ރައުދާގެ ބައްޕަ 2019 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުގަ އެވެ.