ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހެއްކާ ބެހޭ ބިލު ތަސްދީގު ކުރުމަށްފަހު އެތައް ބައެއްގެ ފާދު ކިޔުން އަމާޒުވާން ފެށުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައީސް ސޯލިހުގެ ދިފާއުގައި ދިގު ބަޔާނެއް ނެރެފި އެވެ.
ރައީސް ނޫސްވެރިންގެ ދުލުގައި ތަޅުއެޅުވުން ދިފާއުކޮށް ރައީސް އޮފީހުން އޮފީހުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ކަމަށާއި، މިގޮތުން އެމީހަކު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.
މީގެ އިތުރުން މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ހައްގު، މިނިވަން އަދި ދީމިގްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ހައްގުގެ މަގްސަދާއި އިމްތިޔާޒުތަކާއި، ހައްގު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށާއި، ނޫސްވެރިންނަށް ލިބޭ މަޢުލޫމާތުގެ މަސްދަރުތައް ޙިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ދީމިމިގްރާތީ މުޖްތަމަޢުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މައުލޫމާތެއް ލިބުނުގޮތް ދެނެގަނެވޭނެ ގާނޫނީ ގޮތްތަކެއް އޮންނަ ކަމާއި އޭގެ ތެރޭގައި، އަދުލު އިންސާފުގެ މަސްލަހަތާއި، ގައުމީ ސަލާމަތާއި، ފިތުނަ ފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަސްލަހަތު އިސްކުރާ ކަންތައްތައް ހިމެނޭކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
ނޫސްވެރި ކަމުގެ މިނިވަންކަން ހިފެހެއްޓުމުގައި ރިޢާޔަތްކުރާނެ ކަންކަމުގެ ތެރޭގައި، ގައުމީ ސަލާމަތް ރައްކާތެރި ކުރުމާއި، ސަރަޙައްދީ މަޞްލަޙަތަށް އިސްކަން ދިނުމާއި، އާންމު މަސްލަހަތާއި، ފިތުނަވެރިކަމާއި ކުށް ހުއްޓުވުމާއި، ސިއްހަތު ރައްކާތެރިކުރުމާއި، އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމާއި، މީހުންގެ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމާއި، އިތުބާރުހުރި ފަރާތްތަކުންދޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ޝަރުޢީ ދާއިރާގެ ބާރާއި މުސްތަގިއްލުކަން ދެމެހެއްޓުން ހިމެނޭކަމަށް ވެއެވެ.
މީގެ އިތުރުން މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ގާނޫނުގައި ހިމަނައިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހެއްކާބެހޭ ގާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، މި ލިސްޓްގައިވާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުސަތު ނޫސްވެރިޔާއަށް ލިބިގެންވާކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ނޫސްވެރިންނަށް ހިމާޔަތްދިނުމާއި، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ރައްކާތެރިކުރާނެ ވާހަކަ ތަކުރާރުކޮށް އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށް މި ބަޔާނުގައި ބުނެފައިވިޔަސް ނޫސްވެރިން ދަނީ މި ބިލު ފާސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބައިނަލްއަގްވާމީ މީޑިއާއާއި ގުޅުންހުރި އިދާރާތަކުންވެސް ވަނީ މިކަން ކުށްވެރި ކޮށްފަ އެވެ.
މި ބިލު ތަސްދީގު ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ނޫސްވެރިއެއްގެ މައްޗަށް ވަނީ ޖިނާއީ ތަހްގީޣެއް ހިންގަން ފަށާފަ އެވެ.