ޑެންމާކް (25 ޖުލައި) - ޑެންމާކުގެ ބަވޭރިއަން ނޯޑިކް ކުންފުނިން މަންކީ ޕޮކްސްއަށް ހާއްސަކުރި އިމްވަނެކްސް ވެކްސިންއަށް ޔޫރަޕިއަން ޔޫނިއަން އިން ހުއްދަ ދީފި އެވެ.
އީޔޫއިން މި ވެކްސިންއަށް ހުއްދަ ދީފައި މިވަނީ މަންކީ ޕޮކްސްއަކީ މުޅި ދުނިޔެއަށް އޮތް ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.
"ހުއްދަ ލިިބިފައިވާ ވެކްސިންއެއް ހުރުމަކީ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ގައުމުތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ބަވޭރިއަން ނޯޑިކްގެ ސީއީއޯ ޕައުލް ޗެޕްލިން ވިދާޅުވި އެވެ.
މީގެ ކުރިން ހަމައެކަނި ސްމޯލް ޕޮކްސްއަށް ބޭނުން ކުރަމުން އައި މި ވެކްސިން މަންކީ ޕޮކްސްއަށް ވެސް ދޭން ރަސްމީކޮށް ހުއްދަ ލިބުމާއެކު އެ ވެފައިވަނީ މަންކީ ޕޮކްސްއާ ދެކޮޅަށް ބޭނުން ކުރަން ހުއްދަ ލިބުނު ފުރަތަމަ ވެކްސިން އަށެވެ.
އީޔޫގެ މި ހުއްދައާއެކު އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ އިތުރުން އައިސްލެންޑާއި ނޯވޭގައި ވެސް ބޭނުން ކުރެވޭނެ ކަމަށް ބަވޭރިއަން ނޯޑިކްއިން ބްނެ އެވެ.
މި ވެކްސިންއާއެކު ހިއްސާގެ ބާޒާރުގައި ބަވޭރިއަން ނޯޑިކްގެ ހިއްސާގެ އަގު ވަނީ 22 ޕަސެންޓް މައްޗަށް ޖެހިލާފަ އެވެ. -- އަލް އަރަބިއްޔާ