މަންކީޕޮކްސް އަކީ ކުރިން އެހާ އަޑުއަހާ ބައްޔެއް ނޫނެވެ. އެފްރިކާގެ ބައެއް ގައުމުތަކުން ފެނުނު އެ ބަލި މިހާރު ދަނީ އެކި ގައުމުތަކަށް ފެތުރެމުންނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މަންކީޕޮކްސްއާ ގުޅޭ ގޮތުން ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.

މަންކީޕޮކްސްއާ ގުޅޭ ގޮތުން އިތުރު ދިރާސާތައް މިހާރު ދަނީ އިނގިރޭސި ވިލާތް، އެމެރިކާ، ކެނެޑާ، އަދި އޮސްޓްރޭލިއާ އިން ކުރަމުންނެވެ.

ވޭތުވެދިޔަ ހަފުތާތަކަށް ބަލާއިރު އިނގިރޭސި ވިލާތުގައި 2،000 މީހުންނަށް ވަނީ މަންކީޕޮކްސް ޖެހިފަ އެވެ. މަންކީޕޮކްސް އަކީ މާނުރައްކާ ބައްޔެއްގެ ގޮތުގައި ނުބެލެވެ އެވެ. އެހެންވެ އާއްމުކޮށް އާބާދީ އަށް އޮތް ނުރައްކާ އެހާ ބޮޑު ކަމަކަށް ވެސް ނުބެލެވެ އެވެ.

މަންކީޕޮކްސް އަށް އަދި ވެކްސިނެއް އުފައްދައިފައެއް ނުވެ އެވެ. އެ ބައްޔަށް ދުނިޔޭގައި މިހާރު ބޭނުންކުރަނީ ސްމޯލްޕޮކްސްގެ ވެކްސިނެވެ. އެހެންވެ ގައުމުތަކުން މިހާރު ދަނީ ސްމޯލްޕޮކްސް ވެކްސިންގެ ސްޓޮކް ހޯދާ ޖަމާކުރަމުންނެވެ.

މަންކީޕޮކްސް ކިހާ އާއްމު؟

މަންކީޕޮކްސް ޖެހެނީ މަންކީޕޮކްސް ވައިރަހުންނެވެ. އެއީ ހަމަ ސްމޯލްޕޮކްސް އާއިލާގެ ވައިރަހެކެވެ. ތަޖްރިބާކާރުން ބުނަނީ މަންކީޕޮކްސްގެ ސިވިއާރިޓީ ދަށް ކަމަށެވެ.

މަންކީޕޮކްސް އާއްމުކޮށް ފެތުރެނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގަ އެވެ. އެ ގައުމުތަކުގެ ވެސް ޓްރޮޕިކަލް ރެއިންފޮރެސްޓް އޭރިއާއާ ކައިރީގައިވާ ހިސާބުތަކުގަ އެވެ. އެ ސަރަހައްދުތަކުން ވަނީ، މި އަހަރު ފެށުނު ފަހުން މަންކީޕޮކްސްގެ 1،200 އަށް ވުރެ ގިނަ ކޭސް ފެނިފަ އެވެ.

މަންކީޕޮކްސްގެ ސިއްހީ ކުއްލި ނުރައްކާ ވަނީ އިއުލާންކޮށްފައި

މެދުތެރޭ އަދި ހުޅަނގު އެފްރިކާގައި ފެތުރެނީ މަންކީޕޮކްސް ވައިރަހުގެ ދެ ސްޓްރެއިނެކެވެ. އޭގެ ތެރޭން އެންމެ މައިލްޑް ވައިރަސް ފެނިފައި ވަނީ ހުޅަނގު އެފްރިކާ އިންނެވެ. ދުނިޔޭގެ ގައުމުތަކުގައި މިހާރު ފެތުރެމުން އެ ދަނީ މަންކީޕޮކްސްގެ މައިލްޑް ވައްތަރުގެ ވައިރަހެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މަންކީޕޮކްސްގެ ފުރަތަމަ އަލާމާތްތަކަކީ ހުން އައުމާއި ބޮލުގައި ރިއްސުމާއި އުނަގަނޑުގައި ރިއްސުމާއި ތަންތަން ދުޅަވުމާ އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގެ މަސްގަނޑުގައި ރިއްސުމެވެ.

ހުން އަންނަ ނަމަ ހަށިގަނޑުގައި ބިހި ނަގައި ތަންތަން ރަތްވެ ފޮޅުނަގާ ގޮތްވެ އެވެ. ބިހި ފުރަތަމަ ނަގާނީ މޫނުގަ އެވެ. ދެން ހަށިގަނޑުގެ އެހެން ތަންތަނުގަ އެވެ. އެންމެ ބޮޑަށް އަތްތިލަ އާއި ފައިގެ ދަށްފުށުގަ އެވެ. ފޮޅުތައް ބައެއް ފަހަރު ވަރަށް ގަދައަށް ހިރުވަ އެވެ. އެކި މަރުހަލާތަކަށް ފަހު ފޮޅުތައް ހިކި އެންމެ ފަހުން ކުރަމަގާލި ގަނޑު ވެއްޓެ އެވެ. އެ ތަނުގައި ލަކުނު ފެންނަން ހުންނާނެ އެވެ.

މަންކީޕޮކްސް ޖެހުނަސް އެ ބަލި އަމިއްލަ އަށް ރަނގަޅުވެ އެވެ. އާއްމުކޮށް ބަލި ރަނގަޅުވާން 14-21 ދުވަސް ނަގަ އެވެ.

ބަލި ޖެހެނީ ކިހިނެއް؟

މަންކީޕޮކްސް ޖެހެނީ ބަލިޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުމުންނެވެ. ވައިރަސް އަރާނެ ގޮތްތަކުގެ ތެރޭގައި ހަމުގެ އެތި ކޮޅުތަކުންނާއި ނޭވާލާ ނިޒާމުންނާއި ލޮލާއި ނޭފަތާ އަދި އަނގައިގެ ޒަރިއްޔާ އިންނެވެ. ޖިންސީ ގުޅުމުން ބަލި އަރާކަން ކުރިން ފާހަގަވެފައެއް ނުވެ އެވެ. ނަމަވެސް މިހާރުގެ ހޯދުންތަކުން އެނގިފައި ވަނީ ޖިންސީ ގުޅުމުން ވެސް މަންކީޕޮކްސް ޖެހޭ ކަމެވެ. ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ޖިންސީ ގުޅުމާ ދުރުހެލިވުމަށް ލަފާދީފައިވެ އެވެ. ބަލިޖެހުމަށް ފަހު ވެސް އަށް ހަފުތާ ފަހުން ނޫނީ ގުޅުން ނުހިންގުމަށް އިރުޝާދު ދެ އެވެ.

ބަލިޖެހިފައިވާ ޖަނަވާރުންގެ ފަރާތުން ވެސް މަންކީޕޮކްސް ޖެހެ އެވެ. އޭގެ ތެރޭގައި ރާމާމަކުނާއި މީދާ ހިމެނެ އެވެ. ވައިރަސް އަރާފައި ހުންނަ ބެޑްޝީޓް ފަދަ ތަކެތިން ވެސް ބަލިޖެހެ އެވެ.

ބަލި ކިހާ ނުރައްކާ؟

މަންކީޕޮކްސްގެ ކޭސްތައް ވަރަށް މައިލްޑެވެ. ބޮޑަށް ވައްތަރު ވާނީ ފާނަބަސަންދާ އެވެ. ގިނަ ފަހަރަށް ބަލިން އަމިއްލަ އަށް ރަނގަޅުވެ އެވެ. ނަމަވެސް ބައެއް ފަހަރު މަންކީޕޮކްސް ވެސް ސިއްހަތަށް ނުރައްކާވެފައި އެބަހުއްޓެވެ. ހުޅަނގު އެފްރިކާގައި މަންކީޕޮކްސް ޖެހުނު ބައެއް މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.

އެއްޖިއްސުުން ގުޅުން ހިންގާ މީހުންނަށް ނުރައްކާ ބޮޑުތަ؟

އެއްޖިއްސުން ގުޅުން ހިންގާ މީހުންގެ މެދުގައި ބައެއް ފަހަރަށް މަންކީޕޮކްސް ފެތުރިފައި އެބަހުއްޓެވެ. މަންކީޕޮކްސް ޖެހިފައިވާ މީހަކާ އެހެން މީހަކު ގައިގޯޅިވެއްޖެ ނަމަ އެ ބަލި ޖެހޭނެ އެވެ. ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ބުނެފައި ވަނީ އިނގިރޭސި ވިލާތާއި ޔޫރަޕުން ދާދި ފަހުން މަންކީޕޮކްސްގެ ގިނަ ކޭސްތައް ފެނިފައި ވަނީ އެއްޖިއްސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށެވެ.

ޔޫރަޕްގެ 11 ގައުމަކުން މިހާތަނަށް މަންކީ ޕޮކްސް ފެނިފައިވޭ

މަންކީޕޮކްސް ފެތުރުން އެހާ އާއްމު ކަމެއްތަ؟

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ރާމާމަކުނުގެ ފަރާތުންނެވެ. ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ފަހުން ދޭތެރެދޭތެރެއިން އެފްރިކާގެ 10 ގައުމަކުން މަންކީޕޮކްސް ފެނިފައިވެ އެވެ. އެމެރިކާގައި 2003 ވަނަ އަހަރު ވަނީ މަންކީޕޮކްސް ފެތުރިފަ އެވެ. އޭރު އެ ގައުމުގައި ބަލި ފެތުރުނީ އިމްޕޯޓްކޮށްފައިވާ ޖަނަވާރެއްގެ ޒަރިއްޔާއިންނެވެ. އެމެރިކާ އިން އޭރު ވަނީ އެ ބަލީގެ 81 ކޭސް ފެނިފަ އެވެ. ނަމަވެސް ބަލި ޖެހިގެން އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ވަނީ ނައިޖީރިއާގައި ވެސް މަންކީޕޮކްސް ފެތުރިފަ އެވެ. އެ ގައުމުން ވަނީ ބަލީގެ 172 ކޭސް ފެނިފަ އެވެ. އޭގެ ތެރޭން 75 ޕަސެންޓް މީހުންނަކީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

ފަރުވާ އަކީ ކޮބާ؟

މަންކީޕޮކްސް ފެތުރުން ކޮންޓްރޯލް ކުރެވޭނީ ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ސްމޯލް ޕޮކްސްގެ ވެކްސިން ދީގެން ބަލީގެ 85 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. އެންޓިވައިރަލް ބޭސްތައް ދީގެން ވެސް މަންކީޕޮކްސް ކޮންޓްރޯލް ކުރެވެ އެވެ. އިނގިރޭސި ވިލާތުން ވަނީގެ އޭގެ ތެރޭން ޓެކޯވިރިމެޓަށް ހުއްދަ ދީފަ އެވެ.

އާއްމުން ކަންބޮޑުވާން ޖެހޭތަ؟

ބަލި ކޮންޓްރޯލް ކުރުމުގެ އިރުޝާދުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ސިއްހީ މާހިރުން ދަނީ ދެމުންނެވެ. ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންނާއި ހައި ރިސްކް މީހުންނަށެވެ. މަންކީޕޮކްސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހެއް ނަމަ 21 ދުވަހަށް އެކެހެރިވުމަށް އޮފިޝަލުން ދަނީ އިރުޝާދު ދެމުންނެވެ.